ޚަބަރު
މ. ޠައިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ
އަލިފާނުގެ ހާދިސާ ހިނގި ތަން--
މ. ޠައިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ޢިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ޕްރައިމް ކިޔާ ގުދަނެއްގަ އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާން ނިއްވުމުގައި ޢާންމު ރައްޔިތުންގެ އެހީތެރިކަން ވެސް ލިބެމުން އަންނައިރު، އެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ފުލުހުން ވެސް އަންނަނީ ޙަރަކާތްތެރިވަމުންނެވެ.
މި ގުދަނުގައި ވަރަށް ބޮޑަށް ރޯވެ އަދަމުންދާ ކަމަށް މީސް މީޑިއާގައި މިހާރު ޢާންމުވަމުންދާ ވީޑިއޯތަކުން ފެންނައިރު، މިއީ ޠައިބާ މިސްކިތް ގާތު ހުންނަ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާއި ބެހޭ މަރުކަޒުގެ ކައިރީގައި ހުރި ގުދަނެކެވެ.
އަލިފާނުގެ މި ޙާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.