ޚަބަރު
އަލިފާނުގެ ޙާދިސާއާއި ގުޅިގެން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލައިފި
އަލިފާނުގެ ހާދިސާ ހިނގި ތަން/ފޮޓޯ: އެމްއެންޑީއެފް
ޠައިބާ މިސްކިތް ކައިރީގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މެދުކަނޑާލައިފި އެވެ.
ޠައިބާ މިސްކިތް ގާތު ހުންނަ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާއި ބެހޭ މަރުކަޒުގެ ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަދަމުން އަންނައިރު، ސިފައިން އަންނަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ޙާދިސާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާތީ، މިވަގުތައް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ. ހަމަ އެހެންމެ، ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެކަމަށް ވެސް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިހާރު އިންތިޚާބާ ބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ޢިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ޕްރައިމް ކިޔާ ގުދަނެއްގައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.