ޚަބަރު
އިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެެއްބަސްވުމުގައި ސޮއިކުރައްވައިފި
އިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެެއްބަސްވުމުގައި ސޮއިކުރުން
އިސްލާމީ ދާއިރާއިން ރާއްޖޭގެ 14 ރަށެއްގައި ތަފާތު މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި އެކި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ދާއިރާއިން ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމާއި، މިސްކިތްތައް ބިނާކުރުމުގެ އިތުރުން އިސްލާމީ މަރުކަޒެއް ބިނާކުރުން ހިމެނެއެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުން
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަށްޓަކައި ތިން ކުންފުންޏަކާ ވަނީ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި، އަދި މ. މުލަކުގައި ގޮފިތައް ޤާއިމްކުރުމަށް ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ދ. ކުޑަހުވަދޫއާއި ތ. ވޭމަންޑޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ އައްޔަބޭ ޕާޓްނާސްއާއެވެ.

މީގެ އިތުރުން ލ. ފޮނަދޫގައި ގޮފި ޤާއިމްކުރުމަށް ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ނ. މަނަދޫ، ރ. ދުވާފަރު، އަދި ނ. ވެލިދޫގައި ގޮފިތައް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިސްކިތްތަކާއި އިސްލާމީ މަރުކަޒު ބިނާކުރުން
އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށްވެސް ހަވާލުކޮށްފައެވެ. އަދި ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު ޢިމާރާތްކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.
އިސްލާމީ ދާއިރާއިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 އަށްވުރެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ވަޤްފު ޢިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނެއެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާ ހަރުދަނާކޮށް، ދީނީ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ.