ޚަބަރު
ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރެއްވެވުން މާދަމާ އޮންނާނެ
މިދިޔަ އަހަރުގެ ފިޠުރު ޢީދު ދުވަހު ޢީދު ސަލާމް ކުރެއްވެވުން
މި އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާމް ކުރެއްވުން މާދަމާ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނީ މާދަމާ ހެނދުނު 9:00 ން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދަޢުވަތު އަރުވާފައެވެ. ޚާއްޞަ ގޮތެއްގައި ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާމުގައި ބައިވެރިވުމަށް އެ ދެކަނބަލުން އެދިވަޑައިގަންނަވައެވެ.
ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މުލީއާގެއަށް ވަނުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރާށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ވަޑައިގެންނެވެ.
ރާއްޖެއާއި އިސްލާމީ އެއްވެސް ޤައުމަކަށް ރޭ، ޝައްވާލުމަހުގެ ހަނދު ފެނިފައިނުވާތީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މިއަދަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެހެންކަމުން، މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާދަމާ، 20 މާރިޗު 2026 ވާ ހުކުރު ދުވަހެވެ.