Ads by PNC

ޚަބަރު

ވީއޭއެމްގެ ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ވީއޭއެމްގެ ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ވީއޭއެމްގެ މެންބަރުން/ފޮޓޯ: އޭވީސީ

19 މާރިޗު 2026، 12:26

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމްގެ ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ވީއޭއެމް އިން މަޢުލޫމާތުދޭ ގޮތުގައި، އެ މަޤާމު ހުސްވެފައިވަނީ  ކުރިން އެ މަޤާމުގައި ހުރި ސޮފްވާން އަހުމަދާއި މެދު ކުރެވޭ ތުހުމަތުތަކަކާއި ގުޅިގެން މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ވީއޭއެމްގެ ޚާއްޞަ ޢާންމު ޖަލްސާގައި އޭނާ އެ މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. އެހެންކަމުން، ހުސްވެފައިވާ މެންބަރުގެ މަޤާމަށް އެދި 1 އެޕްރީލް 2026 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ވީއޭއެމް އިން ވަނީ ހުޅުވާލާފައެވެ.

ވީއޭއެމުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އެ އެސޯސިއޭޝަނުގެ 2023 ވަނަ އަހަރު އެކުލަވާލި ހިންގާ ޤަވާޢިދުގެ ދަށުން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު އެޕްރީލް 11 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ މަޤާމަށް މެމްބަރަކު އިންތިޚާބުކުރެވޭނީ މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ މުއްދަތަށް ކަމަށާއި، އެ މުއްދަތު 1 އެޕްރީލް 2029 އަށް ހަމަވާނެކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މި އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ އިންތިޚާބީ މަޤާމަކަށް ކުރިމަތިލާނަމަ ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެތެރޭގައި، މީލާދީގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުމާއި، އެސޯސިއޭޝަނުގެ މެމްބަރު ކުލަބެއްގެ މެމްބަރެއް ނުވަތަ އެސޯސިއޭޝަނުގެ އަމިއްލަ މެމްބަރަކަށްވުން، ނުވަތަ އެސޯސިއޭޝަންގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީގެ މެމްބަރަކަށްވުން ހިމެނެއެވެ. އަދި ޖިނާޢީ ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ނުވުން، ނުވަތަ އެ ޙުކުމެއް ތަންފީޒުކޮށް ނުވަތަ އެފަދަ ޙުކުމެއް މަޢާފްކުރިތާ 5 އަހަރު ވެފައިވާ ފަރާތަކަށްވުން ހިމެނެއެވެ.

ވީއޭއެމް އިން ވަނީ، ކުރިން ހިންގާ ކޮމިޓީގައި ހުރި މެންބަރު ސޮފްވާނަށް ފިޔަވަޅު އަޅާ މުޅި އުމުރަށް ވޮލީ ބޯޅައިގެ ހުރިހާ ހަރަކާތަކުން އޭނާ ސަސްޕެންޑްކޮށްފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450