ޚަބަރު
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރުން.
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ގާއިމުކޮށް ފަސޭހަކުރުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމާއެކު މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމުގެ މަގު ވަނީ ހުޅުވިފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޮސްޓްރޭލިއާއާއި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިދާރާތަކުން ސޮއިކުރި މި ފަހުމުނާމާ (އެމްއޯޔޫ) އަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ހިންގުމަށް އެއްވެސް ހުރަހެއް ނޯންނާނެ" ކަމަށެވެ. އަދި މީގެ ސަބަބުން ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، އަދި ވިޔަފާރީގެ ދާއިރާއިން އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވިދާޅުވި ގޮތުގައި، މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެއްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކާ ރާއްޖެ ގުޅާލުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.