ޚަބަރު
އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލުމަށްފަހު އަލުން ފަށައިފި
ވޯޓާސް ލިސްޓުތަކުގައި ސޮއިކުރުން ކުރިއަށްދަނީ. ފޮޓޯ:އީސީ
އިންތިޚާބާ ބެހޭ މަރުކަޒު ހިންގަމުން ދިޔަ އިމާރާތުގެ ކައިރީގައި ހުރި ގުދަނެއްގައި ރޯވުމާ ގުޅިގެން މެދުކަނޑާލި ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް، އިންތިޚާބާ ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކުރުމަށްފަހު އަލުން ފަށައިފިއެވެ.
އިންތިޚާބާ ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކުރަން ޖެހުނީ، ކުރީގެ ޑްރަގް ކޯޓު އިމާރާތާ އިންވެގެން ހުރި ގުދަނެއްގައި ރޯވުމުގެ ސަބަބުން އެ އިމާރާތަށް އަލިފާނުގެ އަސަރުކުރުމާ ގުޅިގެންނެވެ.
މި ހާދިސާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެތަނުގައި ހުރި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބޭރުކޮށް، އިންތިޚާބުގެ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދަނީ ސިޔާސީ ޕާޓީތަކާއި، އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި އެ ފަރާތްތަކުގެ މަންދޫބުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ކުރިއަށްދާނެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދެއްވާފައެވެ. އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ފައިނަލް ރަޖިސްޓްރީގައި ސޮއިކުރުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެކެވެ. މި ތިން ވޯޓުގައިވެސް ބޭނުންކުރާނީ ކެންޑިޑޭޓުން ސޮއިކުރާ މި ރަޖިސްޓްރީއެވެ.