Ads by PNC

ޚަބަރު

ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ: ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ޚާއްސަ ތަހުޤީޤެއް ފަށައިފި

ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ: ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ޚާއްސަ ތަހުޤީޤެއް ފަށައިފި

ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މާރިޗު 2026، 02:17

19 މާރިޗު 2026، 02:17

މާލޭގެ މާފަންނު އަވަށުގައި ހުންނަ "ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ޚާއްސަ ތަހުޤީޤެއް ފަށައިފިއެވެ.

 އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުރި މި ގުދަނުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 18 މާރިޗު 2026 ވީ ބުދަ ދުވަހުގެ ރޭ 21:57 އެހައިކަންހާއިރުއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ގިނަ މަސައްކަތްތަކަކަށްފަހު މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެވެ. އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެކެވެ.

މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމް.އެން.ޑީ.އެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. އަލިފާނުގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގުދަން ކައިރީގައި ޕާކުކޮށްފައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، އެ ކުންފުނީގެ ވޭނަކަށްވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު މި މީހުންނަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ފުލުހުން މިހާރު ގެންދަނީ ހާދިސާ ހިނގި ސަރަހައްދު (ސީން) ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ކުރިއަށްގެންދާ ޚާއްސަ ތަހުޤީޤު މިހާރު ވަނީ ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450