ޚަބަރު
މާލެ އާއި ވިލިމާލޭގެ ބޮޑު ޖަމާޢަތުގައި އިމާމުވެ ޢީދު ނަމާދުކުރާނީ ޒުވާން ޙަޠީބުން
ޢީދު ނަމާދުގެ ތެރެއިން/ފޮޓޯ: ވޮއިސް
މާލެ އާއި ވިލިމާލޭގެ ބޮޑު ޖަމާޢަތުގައި މިއަހަރުގެ ފިޠުރު ޢީދު ނަމާދު އިމާމްވެ ކުރާނީ ޒުވާން ޙަޠީބުންކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއަހަރު މާލެ ސަރަޙައްދުގެ 4 މައިދާނެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާއިރު، 25 މިސްކިތެއްގައި ވެސް ޢީދު ނަމާދު ކުރާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ، މާލެ ސަރަޙައްދުގެ މައިދާންތަކާއި ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ޢީދު ނަމާދު ކުރާ ބޭފުޅުންގެ މަޢުލޫމާތު ޢާންމުކުރައްވާފަ އެވެ. މީގެ ތެރޭގައި ބޮޑު ޖަމާޢަތުގައި ޒުވާން 2 ޙަޠީބަކު ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ ބޮޑު ޖަމާޢަތް (މާފަންނު ސްޓޭޑިއަމް) އަދި ވިލިމާލެ ބޮޑު ޖަމާޢަތް (ވިލިމާލެ ފުޓްސަލް ގްރައުންޑް) ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަޙައްދުގެ މައިދާންތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ އިމާމުން:
- މާލެ ބޮޑު ޖަމާޢަތް (މާފަންނު ސްޓޭޑިއަމް): އަލްޚާފިޡް އަބްދުﷲ ބިން އިމްޖާދު
- ހުޅުމާލެ ފޭސް-1 ގެ ބޮޑު ޖަމާޢަތް (ސިންތެޓިކް ޓްރެކް ސަރަޙައްދު): އައްޝައިޚް އަހްމަދު މައުމޫން
- ހުޅުމާލެ ފޭސް-2 ގެ ބޮޑު ޖަމާޢަތް (މަސްޖިދު ޙަސަން އާދަމްއާ އިންވެގެން އޮންނަ ހުސްބިން): އައްޝައިޚް ޢަބްދުﷲ ސަޢުދާން
- ވިލިމާލެ ބޮޑު ޖަމާޢަތް (ވިލިމާލެ ބޯޅަދަނޑު): އަފްލާޙް އިސްމާޢިލް ރަޝީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައި ވެސް ޢީދު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ޢީދު ނަމާދު ރާއްޖޭގައި ކުރަނީ ހެނދުނު 07:00 ގައެވެ. ކުރިން 07:30 ގައި ޢީދު ނަމާދު ކުރި ނަމަވެސް މި ގަޑި ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީއެވެ.