Ads by PNC

ޚަބަރު

ޢީދުގެ މުނާސަބަތުގައި އެމްއޭސީއެލްގެ ޚާއްޞަ ޙަރަކާތްތަކެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި

ޢީދުގެ މުނާސަބަތުގައި އެމްއޭސީއެލްގެ ޚާއްޞަ ޙަރަކާތްތަކެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި

މިދިޔަ އަހަރުގެ ޢީދު ހަވީރުގެ ތެރެއިން/ފޮޓޯ: ޕީއެސްއެމް

19 މާރިޗު 2026، 10:31

މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށް ގެންދާ "ޢީދު ހަވީރު 1447" ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެއެވެ. 

އެމްއޭސީއެލުން ވިދާޅުވީ، 20 މާރިޗު 2026 ވާ ހުކުރު ދުވަހުން ފެށިގެން 03 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޢީދު ހަވީރު 1447" ފެސްޓިވަލްގައި އެ ކުންފުނީގެ ފަރާތުން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އިންތިޒާމްކުރެވިފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެގޮތުން، އެމްއޭސީއެލްގެ ސްޓޯލް ޤާއިމްކުރެވިފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައިކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އަދި މި ޙަރަކާތްތައް ކުރިއަށް ގެންދާނީ ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ. މިއީ މިފަދަ ޚާއްޞަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި ޢާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި އެމްއޭސީއެލުން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކެއްކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އެމްއޭސީއެލް އިން ވިދާޅުވީ، މިއީ ކުޑަކުދިންނާއި ޢާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޒޫޓޯޕިއާ" ތީމްގެ ކުޅިވަރު ސަރަޙައްދެއް ކަމަށެވެ. އަދި މި ސަރަޙައްދުގައި ޒޫޓޯޕިއާގެ ކެރެކްޓަރ މެސްކޮޓްތައް ސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާނެ ކަމަށާއި، މި ސްޓޯލްގެ އެންމެ ޚާއްޞަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ. އަދި މީގެ އިތުރުން، "އެކްސް ތްރޯއިންގ" (ކޮޅުފިލި އުކުން)، "ރެކިންގ ބޯލް"، އަދި "ޝޫޓް ޔޯ ޝޮޓް" ފަދަ ހުރިހާ ޢުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ޢީދަކީ އެއްބައިވަންތަކަމާއި އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، މުޖުތަމަޢަށް ފައިދާހުރި ކަންކަމުގައި ދެމިއޮތުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450