ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން: ފޮޓޯ/ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުމާލެއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން / ތުނޑި. ލިންކް، އަޙްމަދު ޒަޔާން (25އ) އާއި ރ. މަޑުއްވަރި / ޑްރީމް، ޙުސައިން އިޔާދު (23އ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށެވެ. އެގޮތުން، މިހިނގާ މާރިޗު 18 ވަނަ ދުވަހުގެ ރޭ ހުޅުމާލެ މިދިލިމަގުން ސައިކަލެއްގައި ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 87 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 143.4 ގުރާމެވެ.
މި މައްސަލައާއި ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.