Ads by PNC

ޚަބަރު

އ.ދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަން ގެ މެމްބަރަކަމުގެ ދައުރު 2030 ގެ ނިޔަލަށް ރާއްޖެއިން ފަށައިފި

އ.ދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަން ގެ މެމްބަރަކަމުގެ ދައުރު 2030 ގެ ނިޔަލަށް ރާއްޖެއިން ފަށައިފި

އ.ދ.ގެ ސެޝަންގައި ރާއްޖޭގެ ބައިވެރިން/ފޮޓޯ: ވުޒާރާ

21 މާރިޗު 2026، 11:23

އ.ދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަންގެ 71 ވަނަ ސެޝަންގައި 2026 އިން 2030 ގެ ނިޔަލަށް އެ ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ރާއްޖެއިން ފަށައިފިއެވެ.

މިއީ މި ކޮމިޝަންގެ މެމްބަރުކަން ރާއްޖެއިން އަދާކުރާ ފުރަތަމަ ފަހަރެވެ. މި ސެޝަން ފެށީ މި އަހަރުގެ މާރިޗު މަހުގެ 9 އިން 19 އަށް ނިއުޔޯކްގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ބޭއްވި އެ ކޮމިޝަންގެ 70 ވަނަ ސެޝަން ނިމުމާއެކުއެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ކޮމިޝަންގެ 70 ވަނަ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ "ހަމަހަމަ ޤާނޫނީ ނިޒާމެއް ކުރިއެރުވުމާއި، ތަފާތުކުރުވަނިވި ޤާނޫނުތަކާއި ނިޒާމީ ގޮންޖެހުންތައް ނައްތާލައި، އަންހެނުންނަށް އިންސާފު ހޯދުމަށް ސިޔާސަތުތަކާއި ޢަމަލުތައް ބައްޓަންކުރުން" މި ޝިޢާރުގެ ދަށުން ކަމަށެވެ.

މި ކޮމިޝަންގެ 70 ވަނަ ސެޝަންގެ ޖެނެރަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖެ އިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވަނީ، ގަވަރނަންސް އަދި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިވެހިރާއްޖެ އިން ކުރަމުންދާ މަސައްކަތްތައް، ވަކިން ޚާއްޞަކޮށް ޑޭޓާ އިން ބާރުލިބިދޭ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒުކޮށް، އަންހެނުންނަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ސަޕޯޓް ސަރވިސަސްތަކަށް އަލިއަޅުވާލާފައެވެ.

ހަމަ އެހެންމެ، މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ބޭނުންވާ މާލީ އެހީ ދެމެހެއްޓެނިވި ގޮތެއްގައި ހޯދިދާނެ މަގުތައް ދެނަގަތުމަށް ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓް އާއި ބްރެޒިލް އާއި ސައުތު އެފްރިކާ އާއި ކަޒަކްސްތާން އަދި ޔޫ.އެން. ވިމަން ގުޅިގެން ބޭއްވި ގްރޫޕް އޮފް 77 އެންޑް އިމަރޖިންގ ޕާޓްނަރސް މިނިސްޓީރިއަލް ރައުންޑްޓޭބަލްގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ، ދެމެހެއްޓެނިވި ތަރައްޤީއަށް އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވާ މާލީ ނިޒާމުތަކަށް އިންވެސްޓް ކުރުން މުހިންމު ކަމުގައި ވިދާޅުވެފައެވެ.

ކޮމިޝަން އޮފް ދަ ސްޓޭޓަސް އޮފް ވިމަން އަކީ، އ.ދ.ގެ މައި ގުނަވަނެއްކަމުގައިވާ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް) ގެ ޤަރާރު ނަންބަރު 11 (II) އިން 1946 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ޤާއިމުކުރި ކޮމިޝަނެކެވެ. އިކޮސޮކް ގެ ފަންކްޝަނަލް ކޮމިޝަނެއްކަމުގައިވާ މި ކޮމިޝަންގެ މަސްއޫލިއްޔަތަކީ އަންހެނުން ބާރުވެރިކުރުމާއި މިންތީގެ ހަމަހަމަކަމަން އަދި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމެވެ. އެގޮތުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މިންގަނޑުތައް ކަނޑައެޅުމަށާއި، ހޯދާފައިވާ ކުރިއެރުންތައް އިވެލުއޭޓް ކުރުމަށާއި އަންހެނުންގެ ދިރިއުޅުން އިތުރަށް ބަދަހި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް ކޮންމެ އަހަރަކުވެސް މި ކޮމިޝަންގެ ބައްދަލުވުންތައް ބާއްވައެވެ.

ދިވެހިރާއްޖެ މި ކޮމިޝަންގެ މެމްބަރަކަށް އިންތިޚާބުވެފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އިކޮސޮކްގައި އެކަމަށް ބޭއްވި އިންތިޚާބުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450