ޚަބަރު
"މާލީ އިދާރާތައް މެދުވެރިކޮށް ބޯހިޔާވަހިކަމަށް ޙައްލު ހޯއްދެވުމަކީ ރައީސްގެ ދުރުވިސްނުންފުޅުގެ ނަތީޖާ"
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް / ފޮޓޯ: ބީއެމްއެލް
ފަރުދުން
22 މާރިޗު 2026، 08:40
22 މާރިޗު 2026، 08:40
މާލީ އިދާރާތައް މެދުވެރިކޮށް ރާއްޖޭގެ ބޯހިޔާވަހިކަމަށް ޙައްލު ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅުގެ ނަތީޖާކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޮނިހިރު ދުވަހުގެރޭ އޮތް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބޯހިޔާވަހިކަމަށް ޙައްލު ހޯދުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ދިވެހިރާއްޖޭގެ މާލީ ޙާލަތު ދަށްވެފައި އޮތުމެވެ. ނަމަވެސް މިއީ ރައްޔިތުންގެ އެންމެ އަސާސީ އަދި އަދި އެންމެ ޙައްސާސް އެއްކަންތައް ކަމުގައިވުމުން މިކަމަށް ޙައްލެއް ހޯދުމަށް ފެއްޓެވި މަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް އެކަމަށް ޙައްލެއް ހޯދޭނެ ގޮތްތަކެއް ހޯދުމަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި އެކަން ފަހިކުރުމުގެ ގޮތުން އެމްއެމްއޭގެ އުސޫލަށް ބަދަލު ގެނެސް، ރާއްޖޭގެ މާލީ އިދާރާތަކުން ވަކި އިންސައްތައެއް ބޯހިޔާވަހިކަމުގެ މަޝްރުޢޫތަކަށް ހޭދަކުރަން ޖެހޭގޮތަށް އެމްއެމްއޭގެ ޤަވާއިދަށް ބަދަލުގެނަސް، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އިތުރު މަގެއް ހޯދިއެވެ.
އެހެންކަމުން ބީއެމްއެލްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ގެންގުޅުއްވާ ތަޞައްވުރުގެ މަސައްކަތްތައް, ނުހުއްޓި ކުރިއަށް ގެންދޭވެ ގޮތަށް އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ބީއެމްއެލްއަކީ ސަރުކާރުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެއް ބައިވެރިޔާ. މިއީ، ދަޢުލަތުގެ މުވައްސަސާތަކުގެ އެއްބާރުލުމާއެކު ގުޅިގެން ހޯދިފައިވާ އިޖާދީ ޙައްލުތަކެއް. ރައީސްގެ ވިސްނުންފުޅުގެ ނަތީޖާ. މި ޔުނިޓުތައް ދޫކުރާނީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން."
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށް ޙައްލު ހޯދުމަށް ބީއެމްއެލްއިން މި ފެށި މަޝްރޫޢަކީ ލީސް-ޓު-އޯން މޮޑެލްއަށް ކުރިޔަށްގެންދާ މަޝްރޫޢެކެވެ. އެހެންކަމުން އެއް ފަހަރާ ފައިސާ ދައްކަން ނުޖެހި، މި މަޝްރޫޢު ކުރިޔަށްދާނީ އެއްފަހަރާ ފައިސާ ދައްކަން ނުޖެހި، ވަކި މުއްދަތަކަށް ކުލި ދައްކާ އަމިއްލަކުރާ ގޮތަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ ޤައުމީ ތަރައްޤީގެ މިފަދަ މަސައްކަތްތަކުގައި ރާއްޖޭގެ މާލީ އިދާރާތަކާއި، ކޮންޓްރެކްޓަރުންނާއި، ޑިވެލޮޕަރުން ބައިވެރިވެ އެކުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާތަނަށް ވަނީ 7900 ހައުސިން ޔުނިޓަށް، ސަރުކާރުގެ ސްކީމްތަކުގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލާފައެވެ. ބީއެމްއެލްގެ މި ޔުނިޓްތައްވެސް ދޫކުރަނީ، އަތްފޯރާ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ ސްކީމްގެ ދަށުންނެވެ. އަދި ބީއެމްއެލްގެ މަޝްރޫޢުގެ ދަށުން 3260 ހައުސިން ޔުނިޓް ތަރައްޤީ ކުރާނެއެވެ.