ޚަބަރު
ފިނޭގައި އަލަށް އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ބާރު ސްޕީޑުގައި އެބަ ކުރިއަށްދޭ: އެމްޓީސީސީ
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
ހދ. ފިނޭގައި އަލަށް އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، މި ޕޮލިސް ޕޯސްޓުގެ މަސައްކަތްތަކުގެ ދަށުން މިހާރު ކުރިއަށްދަނީ ސީލިންގުގެ މަސައްކަތްތަކާއި، ޕްލާސްޓަރިންނާއި ކަރަންޓުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 1،600 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް ޕޯސްޓެއް އަޅާއިރު، މިތަނުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަޞީލަތްތައް ޤާއިމް ކުރެވިގެންދާނެކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ 2.2 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.