ކުޅިވަރު
މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ސަލާހް ނިންމައިފި
މުޙައްމަދު ސަލާހް ލިވަޕޫލްއާ ގުޅިނީ 2017 ވަނަ އަހަރު އިޓަލީގެ ރޯމާއިން---
މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަމަށް، އެ ޓީމަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުޙައްމަދު ސަލާހް އިޢުލާންކޮށްފިއެވެ.
މިކަމާ ގުޅިގެން ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނީ، ސަލާހް އާއި އެ ކްލަބާއި ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، އަދި ދެ ފަރާތުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމުގައި ބާކީ މުއްދަތު އޮތް ނަމަވެސް، މިއީ ލިވަޕޫލްގައި އޭނާ ހޭދަކުރާނެ ފަހު ސީޒަން ކަމަށެވެ.
އުމުރުން 33 އަހަރުގެ ސަލާހް ވަނީ ލިވަޕޫލް އާއި އެކު ހޭދަކޮށްފައިވާ 9 ސީޒަންގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އޭނާއަކީ އެ ކްލަބާއި ގުޅުނުފަހުން، ކްލަބުގެ އެންމެ ވިދުންގަދަ ތަރިވެސް މެއެވެ.
ސަލާހްގެ މި ނިންމުން އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާއި ވެސް ޙިއްޞާކޮށްފައެވެ.
އަހަރެން ދުވަހަކު ވެސް ހިތަކަށް ނާރާ، މި ކްލަބާއި، މި ސިޓީ އާއި ތިޔަ ސަޕޯޓަރުން އަހަރެންގެ ދިރިއުޅުމަށް މިހާ ފުންކޮށް ގުޅިލާމެހިގެން ދާނެކަމަކަށް.
ސަލާހްގެ މެސެޖުގައި ބުންޏެވެ.
— Mohamed Salah (@MoSalah) March 24, 2026
މިދިޔަ އެޕްރީލް މަހު ސަލާހް ވަނީ ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް ދަންމާލުމަށް ސޮއިކޮށްފައެވެ. އެއީ 2026/27 ސީޒަން ނިމެންދެން ލިވަޕޫލްގައި މަޑުކުރުމަށެވެ. ނަމަވެސް މި ސީޒަންގައި ފޯމު ދަށްވެ، ކުޅެން ލިބޭ ވަގުތު މަދުވުމުން އޭނާ ވަނީ އެކަމާ ހިންހަމަ ނުޖެހި، އޭނާ އާއި ކްލަބާ ދެމެދު އޮތް އިހްތިރާމަށް ބުރޫއަރާފަދަ ގޮތަކަށް މީޑިއާ އިންޓަވިއުއެއް ދީފައެވެ. އެ އިންޓަވިއުގައި، ކްލަބްގެ ކޯޗު، އާރނޭ ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތްކަމަށް ވެސް ބުންޏެވެ. މި އިންޓަވިއުއާ ގުޅިގެން، އިންޓަރމިލާންއާ ދެކޮޅަށް ކުޅެން އޮތް ޗެމްޕިއަންސް ލީގު މެޗެއްގެ ސްކޮޑުން ވެސް އޭނާ ބާކީކޮށްފައި ވެއެވެ.
2017 ވަނަ އަހަރު އިޓަލީގެ ރޯމާއިން ލިވަޕޫލްއަށް ބަދަލުވި ފަހުން ސަލާހް ވަނީ ލިވަޕޫލްއާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. އެގޮތުން ބޮޑު 8 ތައްޓެއް ހޯދާފައިވާއިރު އޭގެ ތެރޭގައި ޕްރިމިއަރ ލީގުގެ ދެ ތައްޓާއި ޗެމްޕިއަންސް ލީގު އެއް ތަށި ހިމެނެއެވެ.
އަދި ސަލާހް ލިވަޕޫލަށް މިހާތަނަށް ކުޅެދީފައިވާ 435 މެޗުން ކާމިޔާބުކޮށްފައިވާ 255 ގޯލާއެކު، އޭނާއަކީ ލިވަޕޫލްގެ ތާރީޙުގައި ތިން ވަނައަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ޕްރިމިއަރ ލީގު ތާރީޙުގައި އެންމެ ގިނަ ގޯލުޖަހާފައިވާ ކުޅުންތެރިގެ ލިސްޓުގައި އޭނާ ހިމެނެނީ ހަތަރުވަނައިގައެވެ.