ޚަބަރު
ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް ބޭނުންވާ ލައިސެންސަށް އެދެފި
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ބީއެމްއެލްގެ ސީއީއޯ/ފޮޓޯ: ޕީއެސްއެމް
އަވަށްޓެރި ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް މަސައްކަތްކުރާ ކަމަށާއި، އެކަމަށް ބޭނުންވާ ލައިސެންސަށް އެދިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް ލައިސަންސް ހޯދަން އެ ޤައުމުގެ ސެންޓްރަލް ބޭންކަށް ހުށަހަޅާފައިވާކަން ބީއެމްއެލްގެ ސީއީއޯ ހާމަކުރައްވާފައިވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ބޭންކެއްގެ ބްރާންޗެއް ހުޅުވާއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން، ކޮންމެ ހިސާބެއްގައި ވެސް ބީއެމްއެލްގެ ބްރާންޗްތައް ހުޅުވާއިރު ބޭންކުގެ ރައުސުލްމާލު ރަނގަޅުވާންޖެހޭ ކަމަށާއި، ބޭންކުގެ ކެޕިޓަލް މިހާރު 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް ރާއްޖޭން ބޭރުގައި ބްރާންޗެއް ހުޅުވާއިރު ކެޕިޓަލް އެއަށްވުރެ ވެސް ރަނގަޅުވާން ޖެހޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ބޭރު ޤައުމުތަކުގައި ކެޕިޓަލް ރިކުއާމެންޓް ފުދޭ ވަރަކަށް ބޮޑު ދެއްތޯ. ދެން ރެޕް އޮފީހެއް ކަހަލަ ތަނެއް ހުރެދާނެ. އެކަމަކު އަޅުގަނޑުމެންނަށް ސްރީލަންކާގައި ބްރާންޗެއް ހުޅުވިދާނެ ކަމަށް ޤަބޫލުކުރެވޭތީ ބްރާންޗެއް ހުޅުވަން އަޅުގަނޑުމެން ލައިސެންސަށް އެދިފަ ވާނީ، އަޅުގަނޑުމެން ޕްރޮޕޯސަލްތައް ހުށަހަޅާފަ މިހާރު ވާނީ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން، އައްޑުއާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ، އެ ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކޮށްފައިވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމުގެ އިތުރުން އަތޮޅުތަކުގައި އެ ބޭންކުގެ ބްރާންޗްތައް ޤާއިމްކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށީ 2000 ވަނަ އަހަރުއެވެ. މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.