Ads by PNC

ޚަބަރު

އިސްރާއީލުގެ ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށް އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއިން ގޮވާލައިފި

އިސްރާއީލުގެ ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށް އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއިން ގޮވާލައިފި

މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުން--

25 މާރިޗު 2026، 12:24

އިސްރާއީލުގެ ނިރުބަވެރި ޢަމަލުތައް ހުއްޓުވައި ދުނިޔޭގައި ހަމަޖެހުން ޤާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ގޮވާލައިފި އެވެ.

އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ވަނީ މިކަމަށް ގޮވާލައްވާ ބަޔާނެއް އިއްވަވާފައެވެ. ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވެވީ ޖިނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

މި ބަޔާނުގައި ޑރ. ސަލްމާ ވަނީ، ހުރިހާ އިންސާނީ ޙައްޤަކީ އެއް ޙައްގު އަނެއް ޙައްގާ ގުޅި ލާމެހިފައިވާ، ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ޙައްގެއް ކަމަށް ވިއެނާ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާއިރު އެކަމަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާކަމަށް ވިދާޅުވެފައެވެ. އަދި ޔަހޫދީ އިސްރާއީލުން ހަމަޖެހުން ނަގާލުމަށް ހިންގަމުންދާ ޢަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ޑރ. ސަލްމާ ގޮވާލައްވާފައިވާއިރު، ގުޅިގެން ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލެއްވިއެވެ.

ޔަހޫދީ ދައުލަތުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ހަމަލާތައް ދެމުން އަންނައިރު، މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ޤައުމުތަކުގެ މެދުގައި އޮންނަ މަސްލަޙަތު ވަނީ ވަރަށް ގޯސްވެފައެވެ. ޔަހޫދީން ކެނޑިނޭޅި ލުބުނާނާއި، ސީރިއާއާއި، ޔަމަނާއި، އީރާނުގެ ސަރަޙައްދުތަކަށް ހަމަލާދެމުން އަންނައިރު، ފަލަސްޠީނުގެ ސަރަހައްދުތަކަށް ދެމުން އަންނަ ޙަމަލާތައް ވެސް އިތުރަށް ދަނީ ވަރުގަދަކުރަމުންނެވެ.

ދިވެހިރާއްޖެއިން ވަނީ، މީގެ ކުރިން ވެސް އެކިފަހަރު މަތިން އެ ދައުލަތުގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޔަހޫދީންނާ މެދު ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަމަޢުގައި ގޮވާލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450