ޚަބަރު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެެނެސްފި
ވީއައިއޭ/ފޮޓޯ: އަވަސް އެމްވީ
މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނެސްފައިވާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލުން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލް 2 ބޭނުންކުރައްވާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން 25 މާރިޗް 2026 ހެނދުނު 10:00 އިން ފެށިގެން، ޓަރމިނަލް 2 ގެ ކުރިމަތިން އެވާ ސަރަޙައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަޙައްދެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން، މި އިންތިޒާމުގެ ދަށުން ޓަރމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަޙައްދަކީ ފަސިންޖަރުން ބޭލުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެއް ކަމަށާއި، މި ސަރަޙައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ. އަދި ޓަރމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަޙައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެއް ކަމަށާއި، މި ސަރަޙައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި އެމްއޭސީއެލްގެ މުވައްޒަފުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.