ޚަބަރު
ދެރަށަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި
މި މައްސަލަތަކުގައި ހައްޔަރުކުރި 2 މީހުން/ފޮޓޯ: ފުލުހުން
އއ. ހިމަންދޫ އަދި ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދ. މީދޫ / ބީޗްހައުސް، އިބްރާހީމް އަޝްރަފް (41އ) އާއި މުހައްމަދު މައިނުއްދީން، ބަންގްލަދޭޝް (35އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެމީހުންގެ ތެރެއިން އިބްރާހީމް އަޝްރަފް ހައްޔަރުކޮށްފައިވަނީ ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ. އެގޮތުން، މީދޫ މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، މުހައްމަދު މައިނުއްދީން ހިމަންދޫ ބަނދަރު ސަރަޙައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު މައިނުއްދީން 7 ދުވަހަށް އަދި އިބްރާހީމް އަޝްރަފް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.