ޚަބަރު
ހަނގުރާމައިގައި އާންމު ތަންތަނާއި، އަސްކަރީ ނޫން ތަންތަނަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ބައްދަލުވުން / ފޮޓޯ: ހާރިޖީ ވުޒާރާ
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އާންމު ތަންތަނާއި، ޤައުމުތަކުގެ އަސްކަރީ ނޫން ހައްސާސް ތަންތަނަށް ހުރިހާ ފަރާތްތަކަކުންވެސް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖެއިން މި ހަމަލާތައް ކުށްވެރިކޮށްފައި ވަނީ، އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިރާނުން ގަލްފުގެ ޤައުމުތަކާއި ދެކޮޅަށް ދެމުންދާ ޙަމަލާއާއި ގުޅޭގޮތުން ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވާފައިވަނީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މި ބައްދަލުވުމުގައި ޑރ. ސަލްމާ ވަނީ، މެދުއިރުމަތީގެ މަސްރަޙު ހޫނުވަމުންދާ ދިއުމާއި މެދު ރާއްޖެއިން ކަންބޮޑުވާކަމަށް ވިދާޅުވެ، މަސްރަހު ފިނިކުރުމަށް ގޮވާލާފައެވެ.
At #HRC61 Ambassador Dr. Salma Rasheed delivered the national statement during the urgent debate held today and strongly condemned the attacks by Iran against the civilians and critical infrastructure of GCC countries that violate the international law and international… pic.twitter.com/ZJ3mqEJkrL
— Maldives Mission GVA (@MDVinGeneva) March 25, 2026
މީގެ އިތުރުން އީރާނުން ގަލްފުގެ ޤައުމުތައް ކަމުގައިވާ، ސަޢުދި އަރަބިއްޔާއާއި، ޔޫއޭއީއާއި، ޤަތަރާއި، ކުވެއިތާއި، އޮމާންގެ އިތުރުން އުރުދުންގެ އާންމު ތަންތަނާއި ހައްސާސް ތަންތަނަށް ދޭ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އިންސާނީ އަދި އިޤްތިޞާދީ މައްސަލަތަކާއި ކުރިމަތިވެ، ދުނިޔޭގެ ބާޒާރަށާއި، ބޯޓު ދަތުރުފަތުރުގެ ސިނާޢަތަށް ބުރު އަރަމުންދާ ކަމަށްވެސް ޑރ. ސަލްމާ ވިދާޅުވިއެވެ.
އެހެންކަމުން އދގެ ޗާޓަރާއި އެއްގޮތަށް ބާރުގެ ބޭނުން ނުކޮށް ސުލްޙަވެރި ކަމާއިއެކު މައްސަލަ ޙައްލުކުރަން އިސްކުރުމަށާއި، އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރާއި އެއްގޮތަށް މެދުއިރުމަތީގެ މަސްރަޙު ފިނިކުރުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ޤައުމުތަކުގެ ޚާރިޖީ ގުޅުންތަކުގެ ތެރެއިން މިމައްސަލަ ޙައްލުކޮށް މެދުއިރުމައްޗަށް އަމާންކަމާއި، ސުލްޙަވެރިކަމާއި، ރައްކާތެރިކަން ގެނައުމަށް މަސައްކަތް ކޮށްދިނުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރެއްވިއެވެ.
ޔަހޫދީ ދައުލަތުން މެދުއިރުމަތީގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެކި ޤައުމުތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން، ރާއްޖެއަކީ އެ ދައުލަތުގެ އަމަލުތައް ކުށްވެރިކޮށް، އެ ދައުލަތާމެދު ފިޔަވަޅު އަޅައި އެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އަބަދުވެސް ގޮވާލަމުންދާ ޤައުމެކެވެ.