Ads by PNC

ޚަބަރު

އެއްވެސް ފަރާތެއް ބާކީނުކޮށް، ހުރިހާ ފަރުދުން ހިއްސާވާގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އަމާޒު: އިޖްތިމާޢީ ވަޒީރު

އެއްވެސް ފަރާތެއް ބާކީނުކޮށް، ހުރިހާ ފަރުދުން ހިއްސާވާގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އަމާޒު: އިޖްތިމާޢީ ވަޒީރު

އިޖްތިމާޢީ ވަޒީރު/ފޮޓޯ: ވުޒާރާ

26 މާރިޗު 2026، 12:20

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އެންމެ ބޮޑު އެއް އަމާޒަކީ އެއްވެސް ފަރާތެއް ބާކީނުކޮށް، ހުރިހާ ފަރުދުން ހިއްސާވާގޮތަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަޢުލޫމާތުތައް ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، އެ ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ކުޑަކުދިންނާއި، ޒުވާނުންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ޚިދުމަތް ދިނުން ހިމެނޭ ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެ މަސައްކަތްތައް ވިލަރެސްކުރުމަކީ ވެސް އިޖްތިމާޢީ ވުޒާރާގެ މައިގަނޑު މަސްއޫލިއްޔަތެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދެނީ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް ވާތީ، އަޅުގަނޑުމެން ބޭނުންވަނީ އެމީހުންނާއި ވަރަށް ގާތުން މަސައްކަތްކުރަން. އެހެންކަމުން، އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދެނީ އެމީހުންގެ ޚިޔާލުތަކަށް ރިޢާޔަތްކޮށްގެން.

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ވުޒާރާގެ ޚިދުމަތްތައް ބައްޓަންކުރެވިފައި ވަނީ ވީހާވެސް ވަށާޖެހޭ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން، ރައްޔިތަކަށް ދެރަކަމެއް ނުވަތަ އުނދަގުލެއް ދިމާވެއްޖެ ޙާލަތެއްގައި، ހަމައެކަނި ވަޤުތީ ޙައްލެއް ހޯދައިދިނުމުގެ ބަދަލުގައި، އެ ޢާއިލާއެއް ބިނާކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވެދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އަދި މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކޮންމެ ފަރުދަކީވެސް މުޖުތަމަޢެއްގައި ޚިދުމަތް ކުރެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުން ކަމުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450