Ads by PNC

ޚަބަރު

މަޑުއްވަރި އަދި އުތީމުގެ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

މަޑުއްވަރި އަދި އުތީމުގެ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ

26 މާރިޗު 2026، 03:08

ރ. މަޑުއްވަރީ އަދި ހއ. އުތީމުގެ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދުއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްއެވެ. މި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރ. މަޑުއްވަރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން، 11،050 ސީބީއެމް ވެލިން ބެކްފިލް ކުރުން އަދި ބަނދަރުގެ މެއިންޓެނަންސް ޑްރެޖިންގ މަސައްކަތްކުރުން ހިމެނެއެވެ. ހަމަ އެއާއެކު، 308 މީޓަރުގެ އައު ބަނދަރު އެއްގަމު ތޮށިލުމާއި، 77 މޫރިންގ ރިންގްއާއެކު 11 ބަނދަރު ބައްތި ހަރުކުރުމާއި، ކޮންކްރީޓް ޕޭވްމަންޓް އަދި ފެންހިންދާ ނިޒާމާއެކު 10 ފައްތިޔާ، ރޭމްޕް ހަރުކުރުން ހިމެނެއެވެ. އަދި 184 މީޓަރ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި، 25 މީޓަރު ބޮޑުހިލަ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، ހއ. އުތީމުގެ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 32،350 ސީބީއެމް ވެލި އައު  ބަނދަރު ފުންކުރުމާއި، 14،630 ސީބީއެމް ވެލި ބައު ބަނދަރު ފުންކުރުމާއި، 14،890 ސީބީއެމް ވެލި ނެރު ފުންކުރުމާއި، 19،330 ސީބީއެމް ވެލި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމަ މިއާއެކު، 310 މީޓަރުގެ އައު ބަނދަރުގެ އެއްގަމު ތޮށިލުމާއި، 78 މޫރިން ރިންގްއާއި ފެންހިންދާ ނިޒާމު، އަދި 15 ބަނދަރު ބައްތިއާއި ކޮންކްރީޓް ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

ހަމަ އެއާއެކު، 15 ފައްތިޔާ ލުމާއި، 53 މީޓަރު ބައު ބަނދަރު އެއްގަމު ތޮށި މަރާމާތުކުރުމާއި، 1 ރޭމްޕް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. ހަމަ އެހެންމެ، 385 މީތަރު ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި، 24 މީޓަރު ބޮޑުހިލަ ޗެނަލް ބްރޭކްވޯޓަރ ޖެހުމާއި، 417 މީޓަރު ބޮޑުހިލަ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 81 މީޓަރޔ ބޮޑުހިލަ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މަޑުއްވަރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، އުތީމުގެ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 510 ދުވަސް ތެރޭގައި ނިންމުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450