ޚަބަރު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރަކު ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން
ފަރުދުން
27 މާރިޗު 2026، 03:31
27 މާރިޗު 2026، 03:31
ހުލާސާ
އޭނާގެ މައްޗަށް ކުޑަކުދިންގެ ބަރަހަނާ މަންޒަރު ގެންގުޅުމުގެ ތުހުމަތުވެސް ފުލުހުން ކުރޭ
ކުޑަކުއްޖަކު ގްރޫމްކޮށް، ޖިންސީ ގޯނާކުރުމުގެ އިތުރުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުގެ މީޑިއާ، ޓީވީއެމްގެ ކުރީގެ ސީނިއާ ޕްރޮޑިއުސަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ރިހިދޯދި، އުމުރުން 37 އަހަރުގެ މޫސަލް މުއީންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 26 ވީ ބުރާސްފަތި ދުވަހުއެވެ. މޫސަލްއަކީ ޓީވީއެމްގައި ކުޑަކުދިންނާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޫސަލްގެ މައްޗަށް ތުހުމަތުކުރެވެނީ ޓީވީއެމްގެ ޝޯއަކަށް ގެންދިޔަ ކުޑަކުއްޖަކާ އުމުރާ ނުގުޅޭ ބޭއަދަބީ ވާހަކަދައްކައި، އެ ކުއްޖާ ގްރޫމްކޮށް ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރުމެވެ. މީގެ އިތުރުން، އިލެކްޓްރޯނިކް ވަސީލަތްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ރައްކާކޮށްގެން ގެންގުޅުމާއި، ގިނަ އަދަދެއްގެ ފިރިހެން ކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވެއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މީގެ ހަތަރު ވަރަކަށް މަސް ކުރިންނެވެ. އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ދައުލަތުގެ މީޑިއާއިން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ. މޫސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކާއި، ކުޑަކުދިންގެ ބަރަހަނާ މަންޒަރު ގެންގުޅުމާއި ފެތުރުމުގެ މައްސަލަތަކަކީ ފުލުހުންގެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި