ޚަބަރު
ޒާތީ މަޢުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ބޭނުންކޮށްގެން ބިރުދެއްކުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުން: ފުލުހުން
ފުލުހުން މަގުމަތީގައި/ފޮޓޯ: މިލައުތުރު
މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ މަޢުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރުދެއްކުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިފަދަ މައްސަލަތަކުގެ ތެރޭގައި، މީހުންގެ ޒާތީ މަޢުލޫމާތު ޢާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނޭ ކަމަށެވެ. ހަމަ އެއާއެކު، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މަޢުލޫމާތުތަކެއް، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ ޢަމަލުތަކެއްކަން ތަޙުޤީގުތަކަށް ފާހަގަކުރެވިފައިވާއިރު، އަނެކާގެ އަބުރު ނަގާލުމަށާއި، ބިރުދެއްކުމަށާއި، ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާ ކަމަށެވެ. އަދިި މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ ޢަމަލުތަކެއް ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން އަންނަމުންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށްޓަކައި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި، ރައްކާކުރުމާއި، އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމާއި، މަޢުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރެވޭ ހިސާބުން ތިމާގެ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް، ރައްކާކޮށް ނުވަތަ އެހެން ފަރާތްތަކަށް ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުމާއި، މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމާއި، އެފަދަ ޢަމަލުތަކަށް ހިތްވަރު ނުދިނުމާއި، ޒާތީ މަޢުލޫމާތު ނުވަތަ މަންޒަރު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ތިމާއަށް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އެ ޚިދުމަތުން ވަނީ އެދިފައެވެ.
ޒާތީ މަޢުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ޤާނޫނާ ޚިލާފު ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކުގެ މައްސަލަތައް ތަޙުޤީގުކޮށް، އެފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާއިރު، އިޖުތިމާޢީ މިންގަނޑުތަކާއި އަޚްލާޤު ނަގަހައްޓައި، އަނިޔާ ލިބޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަންލިބި، އިތުރަށް ނިކަމެތިވާނެ ފަދަ އެންމެހައި ޢަމަލުތަކުން ދުރުހެލިވުމަށް ފުލުހުން އިލްތިމާސްކުރެއްވިއެވެ.