ޚަބަރު
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައަކާއި ގުޅިގެން 5 ބިދޭސީއަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި 5 މީހުން/ފޮޓޯ: ފުލުހުން
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައަކާއި ގުޅިގެން 5 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައެއް 2026 މާރިޗު 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިންކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. އަދި އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ 5 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެމް.ޑީ ހޮސައިން (30އ) އާއި، އެމް.ޑީ މެހެދި ހަސަން (34އ) އާއި، އެމް.ޑީ ޝާ އަލަމް (39އ) އާއި، ސަރފިފް ހަސަން (38އ) އާއި، ރަސަލް (20އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.