ޚަބަރު
އިންތިޚާބުގެ ތައްޔާރީތައް ކުރިއަށް: ވޯޓު ފޮށިތަކާއި ލިޔެކިޔުންތައް ރަށްތަކަށް ފޮނުވަން ފަށައިފި
އިލެކްޝަނަށް ބެނުންވާ ފޮށިތަކާ ލިޔެކިޔުންތައް ރަށްރަށަށް ފޮނުވުން
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން އަތޮޅުތަކުގައި ގާއިމުކުރާ 347 ވޯޓުލާ މަރުކަޒަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ބޭނުންވާ ވޯޓު ފޮށިތަކާއި، ވޯޓު ކަރުދާހާއި، އޮފިޝަލުންނަށް ބޭނުންވާ އެހެނިހެން ތަކެތި ފޮނުވަމުންދަނީ ކަނޑުމަގުންނާއި ވައިގެމަގުންނެވެ. މި މަސައްކަތް ކުރިއަށްދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކުގައެވެ.
މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، އަދި ސ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށެވެ. ކަނޑުމަގުން ތަކެތި ފޮނުވަނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅަށެވެ. އިލެކްޝަނުން މައުލޫމާތު ދެއްވި ގޮތުގައި މި އަތޮޅުތަކަށް ތަކެތި ފޮނުވުމުގެ މަސައްކަތް މިރޭގެ ނިޔަލަށް ނިންމާލެވޭނެއެވެ. ނަމަވެސް ކ. އަތޮޅުގެ ރަށްރަށަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހުއެވެ.
ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ކަނޑުމަގުން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން. ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ މިކޮމިޝަނުގެ މުވައްޒަފުން ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު. @PoliceMv #LCEWDCE2026 #LCE2026 #WDCE2026 #Referendum2026 #ECM pic.twitter.com/KRHZLwybkc
— Elections Commission (@ElectionsMv) March 28, 2026
ކުރިއަށް އޮތް މި އިންތިޚާބުތަކުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. މިއީ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ހިންގުމަށާއި އަންހެނުންގެ ކުރިއެރުމަށް މުހިންމު ނިންމުންތަކެއް ނިންމާނެ އިންތިޚާބެކެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންވެސް، އެމީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ޗެކްކުރުމަށް އިލްތިމާސްކުރައްވާފައެވެ. ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒުގެ މައުލޫމާތު VR (space) ID card number ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.