ޚަބަރު
ވިނަރެސް ފްލެޓެއްގައި ލޯންޑަރީ އެއް ހިންގާ މައްސަލައެއް ފެންމަތިވެ އެކަން ބަލަނީ
ވިނަރެސްގެ ފްލެޓެއްގައި ލޯންޑަރީއެއް ހިންގުން
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ވިނަރެސް އެޕާޓްމަންޓެއް ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ވިނަރެސް ޓަވަރުތަކުގެ ތެރެއިން އެޕާޓްމަންޓެއްގައި ލޯންޑްރީގެ ޚިދުމަތް ދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ލޯންޑްރީ ޚިދުމަތަށް އެލްޕީޖީ ގޭސް ބޭނުންކޮށްގެން އުފައްދާ އިންޑަސްޓްރިއަލް މެޝިންތަކެއް އެ ފްލެޓް ތެރޭގައި ވަނީ ބަހައްޓާފައެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ވިދާޅުވީ، މި މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެކަން ކުރާ ފަރާތަށް މިހާރު އަންގާފައިވާ ކަމަށެވެ. ނަމަވެސް، މި މަސައްކަތް ކުރަމުންދިޔައީ ކޮން ބައެއްކަން އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.
މީހުން ދިރިއުޅޭ އިމާރާތެއްގެ ތެރޭގައި މިފަދަ އިންޑަސްޓްރިއަލް މަސައްކަތެއް ކުރުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް ގޭސް ބޭނުންކޮށްގެން ހިންގާ ބޮޑެތި މެޝިންތައް ބެހެއްޓުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށާއި، އުސޫލުތަކާ ޚިލާފަށް ކުރާ މިފަދަ ކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.