ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން / ފޮޓޯ: އެމްއޭސީއެލް
ފަރުދުން
29 މާރިޗު 2026، 06:38
29 މާރިޗު 2026، 06:38
މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅުންނާއި އެމްއޭސީއެލްގެ އިސްވެރިންވެސް މި އިސްތިޤްބާލުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ސަރުކާރު ނިމުނިއިރު ހިއްކާފައި އޮތީ 70 ހެކްޓަރުގެ ބިމެވެ. އެހެންކަމުން މި މަޝްރޫޢުގެ ދަށުން އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދަނީ ބާކީ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމަށް މަސައްކަތެވެ. މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން / ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35,000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22,000 ކިއުބިކް މީޓަރުގެ އޮރޭންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
އެމްއޭސީއެލްއިން ގިރާވަރު ފަޅު ހިއްކަން ފެށީ ފެބްރުއަރީ މަހުއެވެ. އެމްއޭސީއެލްއިން މަސައްކަތްކުރަނީ އަންނަ މަހުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށްކަމަށް އެ ކުންފުނިން ހާމަކުރެއެވެ.