ދުނިޔެ
16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ފުރަތަމަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމަކަށް އިންޑޮނޭޝިއާ
16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުން
ސައިބަރ ބުލީންގްއާއި އިންޓަނެޓަށް ދެވިހިފުން ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ފުރަތަމަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމަށް އިންޑޮނޭޝިއާ ވެއްޖެއެވެ. މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ މި ހިނގާ ހޮނިހިރު ދުވަހުއެވެ.
އިންޑޮނޭޝިއާގެ އާބާދީގެ ތެރެއިން 16 އަހަރުން ދަށުގެ 70 މިލިއަނެއްހާ ކުދިން ތިބިއިރު، ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވާ ސައިބަރ ބުލީންގް، ފާހިޝް މަންޒަރުތައް، އޮންލައިން މަކަރާއި ހީލަތް އަދި ސްކްރީން ބޭނުންކުރުމަށް ދެވިހިފުން ފަދަ ކަންކަމާމެދު އެ ގައުމުގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.
މި އާ ގަވާއިދުގެ ދަށުން ފުރަތަމަ ފިޔަވަޅު އަޅާނީ "ހައި ރިސްކް" ނުވަތަ ނުރައްކާ ބޮޑު ޕްލެޓްފޯމްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޔޫޓިއުބް، ޓިކްޓޮކް، ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް، އެކްސް، ބީގޯ ލައިވް އަދި ރޮބްލޮކްސް ފަދަ މަންސަތަކަށެވެ. މި ޕްލެޓްފޯމްތަކުން އުމުރުން ނުފުރޭ ކުދިންގެ އެކައުންޓްތައް އުވާލައި، އެ ކުދިންނަށް އެމަންސަތައް ބޭނުންކުރުން ހުއްޓުވަން ޖެހޭނެއެވެ.
އިންޑޮނޭޝިއާގެ ކޮމިއުނިކޭޝަންސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓަރު މިއުޓިއާ ހާފިދު ވިދާޅުވީ، ގައުމުގެ ގަވާއިދުތަކަށް ކޮންމެ ކުންފުންޏަކުން ވެސް އަމަލުކުރަން ޖެހޭނެ ކަމަށާއި އެކަމުގައި އެއްވެސް ދުލެއް ނުދޭނެ ކަމަށެވެ. އަދި މިހާރުވެސް އެކްސް، ޓިކްޓޮކް ފަދަ ބައެއް ކުންފުނިތަކުން މި ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑޮނޭޝިއާގެ ކުޑަކުދިން ދުވާލަކު އެވްރެޖްކޮށް 7.5 ގަޑިއިރު ސްކްރީން ކުރިމަތީގައި ހޭދަކުރެއެވެ. އަދި އދ. ގެ އެހީތެރިކަމާއެކު ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެ ގައުމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުދިންނަށް ސޯޝަލް މީޑިއާގެ ތެރެއިން ބަދުއަޚްލާގީ މަންޒަރުތަކާއި ސައިބަރ ބުލީންގްގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ނަމަވެސް، މި ނިންމުމާ މެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އެބައޮތެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިންޑޮނޭޝިއާގެ އެގްޒެކެޓިވް ޑައިރެކްޓަރު އުސްމާން ހާމިދު ވިދާޅުވީ، ސޯޝަލް މީޑިއާ އެއްކޮށް މަނާކުރުމުގެ ބަދަލުގައި އޮންލައިން މާހައުލަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ. ބައެއް ބެލެނިވެރިން ވެސް ގަބޫލުކުރާ ގޮތުގައި ސަރުކާރުން މިފަދަ ބޭންއެއް ގެނައުމަށްވުރެ، ބެލެނިވެރިން ގޭތެރޭގައި ކުދިންގެ އިންޓަނެޓް ބޭނުންކުރުން މޮނިޓަރކޮށް ކޮންޓްރޯލް ކުރުން މާ މުހިންމެވެ.
އިންޑޮނޭޝިއާގެ ކުރިން އޮސްޓްރޭލިއާއިން ވަނީ މިދިޔަ ޑިސެމްބަރު މަހު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑިއާ މަނާކުރިކަން އިއުލާންކޮށްފައެވެ. އަދި އިނގިރޭސިވިލާތާއި މެލޭޝިއާ ފަދަ ގައުމުތަކުން ވެސް މިހާރު ދަނީ މިފަދަ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންނެވެ.