ޚަބަރު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު ޑައިލިސިސް ސެންޓަރު ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮޓޯ: ރައީސް އޮފީސް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، އެ ހޮސްޕިޓަލުގެ އައު ޑައިލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުއްﷲ ނާޒިމް އިބްރާހިމްގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
އައު ޑައިލިސިސް ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އެ ސެންޓަރުގެ ވަސީލަތްތައް ބައްލަވާލައްވައި، އެ ތަނުން ދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރު 4 އެނދާއެކުގައެވެ. ނަމަވެސް މިއަދު ހުޅުވުނު އައު ސެންޓަރާއެކު މި ޚިދުމަތް މިވަނީ 9 އެނދަށް އިތުރުކުރެވި، ފުޅާވެގެން ގޮސްފައެވެ. މި ސެންޓަރުގައި ޚާއްސަ އައިސޮލޭޝަން އެނދެއްގެ އިތުރުން، އައިސީޔޫގައި ތިބޭ ބަލިމީހުންނަށްވެސް ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި، މި އައު ސެންޓަރުގެ ސަބަބުން ޑައިލިސިސް ހަދާ ބަލިމީހުންނަށް ކިއުގައި މަޑުކުރަން ނުޖެހި، ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމީހަކަށް ޚާއްސަވާ ފަރުވާ ލިބިގެންދާނެއެވެ. ޑައިލިސިސް ހެދުމަކީ ބަލިމީހާއަށް ގިނަ ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަކަށްވާއިރު، ހަފްތާއަކު 2 ނުވަތަ 3 ދުވަހު ފަރުވާ ހޯދަންޖެހޭ މީހުންނަށް މިއީ ލިބިގެންދިޔަ ބޮޑު ލުޔެކެވެ.
ޒަމާނީ ވަސީލަތްތަކާއެކު މި ސެންޓަރުގައި މިހާރު ވަނީ ޕެރިޓޯނިއަލް ޑައިލިސިސް ނުވަތަ ޑިވައިސެއްގެ އެހީގައި އަމިއްލައަށް ހެދޭ ޑައިލިސިސްގެ ޚިދުމަތްވެސް ދޭން ފަށާފައެވެ. މިއީ ބަލިމީހުންނަށް އިތުރު ތަކުލީފަކާ ނުލައި ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ސަރުކާރުން ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 10 ރަށެއްގައި އަލަށް ޑައިލިސިސްގެ ޚިދުމަތް ފަށާފައިވާކަން ފާހަގަކުރެވެއެވެ.