Ads by PNC

ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމަރޖެންސީ ރޫމް ހުޅުވައިދެއްވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމަރޖެންސީ ރޫމް ހުޅުވައިދެއްވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި އިމަރޖެންސީ ރޫމް ހުޅުވައިދެއްވުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 11:30

29 މާރިޗު 2026، 11:30

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި އިމަރޖެންސީ ރޫމް (އީއާރް)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އައު އީއާރް ހުޅުވައިދެއްވުމަށްފަހު، ފަސްޓް ލޭޑީ ސާޖިދާ ވަނީ އެތަނުގެ ޚިދުމަތްތައް ބައްލަވައިލައްވައި، ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި އިމަރޖެންސީ ރޫމަކީ ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މި ފެސިލިޓީގައި 6 އެނދުގެ އިތުރުން ޕްރޮސީޖަރ ރޫމަކާއި ސްޓާފް ލައުންޖެއް ހިމެނެއެވެ. މިއީ ބަލިމީހުންނަށް ވީހާވެސް ފަސޭހަކަމާއެކު އަވަސް ޚިދުމަތެއް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މީގެ ކުރިން އެ ހޮސްޕިޓަލުގައި އިމަރޖެންސީ ފަރުވާ ދެމުންދިޔައީ އިމާރާތުގެ އެތެރޭގައި ހުންނަ ވޯޑެއްގައެވެ. ނަމަވެސް، އަލަށް ހުޅުވުނު އީއާރްއާއެކު، ސީދާ އިމަރޖެންސީ ރޫމްގެ ދޮރާ ހަމައަށް އެމްބިއުލާންސް ކައިރިކުރެވޭނެއެވެ. މީގެ ސަބަބުން ކުއްލި ޙާލަތްތަކުގައި ބަލިމީހުންނަށް ދެވޭ ފަރުވާ އަވަސްވެ، ޚިދުމަތް ދިނުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

ހދ. އަތޮޅާއި އަދި އަވަށްޓެރި އަތޮޅުތަކުގެ ގިނަ ބަޔަކު ޚިދުމަތް ހޯދާ މި ހޮސްޕިޓަލަކީ ވަރަށް ބާރުބޮޑު ތަނެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު އެކަނިވެސް 6,591 މީހުން އީއާރްއިން ފަރުވާ ހޯދާފައިވާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 1,679 މީހުންނަށް ވަނީ ފަރުވާ ދީފައެވެ.

ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މި ހޮސްޕިޓަލުގެ ކުރިމަގުގެ މަޝްރޫޢުތަކަށް ބަލާއިރު، 13,500 އަކަފޫޓުގެ ބޮޑު އިމާރާތެއްގެ ތެރޭގައި "ފުލް ފްލެޖް" އީއާރް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް މިހާރު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާތީ، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450