ޚަބަރު
ޢަބްދުއްޝަކޫރު ޢަބްދުﷲއާއި ޙަސަން ޙަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލައިފި
ޢަބްދުއްޝަކޫރު ޢަބްދުﷲއާއި ޙަސަން ޙަމީދުގެ ތައުޒިޔާގެ ދަފުތަރު ހުޅުވާލުން. ފޮޓޯ: ޕޮލިސް
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އާއި ކައުންސިލް ޖެނެރަލް އަލްއުސްތާޛު ޙަސަން ޙަމީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.
ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛު ޙަސަން ޙަމީދަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މި ދެ ބޭފުޅުންގެ ތައުޒިޔާގެ ދަފުތަރު މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮންނާނެއެވެ.
ދަފުތަރުގައި ސޮއިކުރުމުގެ އިންތިޒާމުތައް
ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުމުގެ ފުރުޞަތު އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ވަނީ ވަކި ވަގުތުތަކެއްގައި ހުޅުވާލާފައެވެ. އެގޮތުން އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުމަށް ހުޅުވާލާފައި އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.
ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުމުގެ ފުރުޞަތު ދީފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރު 1:00 އިން ހަވީރު 4:00 އަށެވެ. މި ދަފުތަރުގައި ސޮއިކުރެއްވުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައެވެ.
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި މި ދެ ބޭފުޅުންގެ ވަކިވުމަކީ ދައުލަތަށާއި ފުލުހުންގެ މުއައްސަސާއަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.