Ads by PNC

ޚަބަރު

ފަތުރުވެރިންގެ ވިސާ އިތުރުކުރުމަށް ފަސޭހަ އިންތިޒާމްތަކެއް އަންނަ މަހު ފަށަނީ

ފަތުރުވެރިންގެ ވިސާ އިތުރުކުރުމަށް ފަސޭހަ އިންތިޒާމްތަކެއް އަންނަ މަހު ފަށަނީ

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 05:16

29 މާރިޗު 2026، 05:16

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގައި މިހާރު ހުރި ދަތިތައް ނައްތާލައި، ފަސޭހަ އިންތިޒާމްތަކެއް އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަޢާރަފްކުރާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް އިޢުލާނު ކުރައްވައިފިއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޚާއްޞަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިމިގްރޭޝަނާ ގުޅިގެން މި ޚިދުމަތް އަވަސް އަދި ފަސޭހަ ކުރުމުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

ވަޒީރު ތާރިޤު އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، މިހާރު ފަތުރުވެރިންނަށް ދޫކުރާ 30 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް އައު އިންތިޒާމުގެ ދަށުން ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ކުރީގަ އޮންނަ ދިގު މުއްދަތު އަދި ހުށަހަޅަންޖެހޭ ބައިވަރު ޑޮކިއުމަންޓްސްތައް ހުށަނާޅާ، އެބޭފުޅުންގެ އޮންލައިން ޕްލެޓުފޯމުން، ވިސާ ފޮޓޯ އެޕްލައިކޮށް، ފައިސާ ދެއްކީމަ، 48 ގަޑިއިރުތެރޭގައި ވިސާ އެކްސްޓެންޑުކުރެވިގެންދާނެ،

ވަޒީރު 

މި ނިންމުމަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުންދާތީ، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ 30 އިންސައްތައަކީ މެދުއިރުމަތީގެ އެއާލައިންތަކުން ދަތުރުކުރާ ފަރާތްތަކަށް ވުމާއެކު، މި ދަނޑިވަޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އައު މަގުތަކެއް ހޯދުން މުހިންމެވެ.

މީގެ އިތުރުން، ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ވިސާތަކެއް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450