Ads by PNC

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ޝާހިދުގެ ބަސްމަގު ކުށްވެރިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ޝާހިދުގެ ބަސްމަގު ކުށްވެރިކޮށްފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު---

farudhun logo

ފަރުދުން

30 މާރިޗު 2026، 07:35

30 މާރިޗު 2026، 07:35

މި ސަރުކާރަކީ ކަނަކު އިޝާ ނަމާދަށް ދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވުމާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، 2026 މާރިޗު 28 ވަނަ ދުވަހުގެ ރޭ "ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހްކުރުން" ނަމުގައި ކުރިއަށް ގެންދެވުނު ޖަލްސާގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް އަދި އެފަދަ ފަރާތްތަކަށް މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ވާހަކަ ދައްކާފައިވާތީ، އެކަން އެންމެ ހަރުހަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ދިވެހިރާއްޖޭގެ ޤާނޫނޫއަސާސީއިން ޚާއްޞަ ރައްކާތެރިކަމެއް ލިއްބައިދީފައިވާ ބަޔަކަށް ވީހިނދު، ސިޔާސީ ޕާޓިއެއްގެ އިސް ބޭފުޅަކު މިފަދަ މޭރުމަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމަށް އެ ކައުންސިލުން ކުރާ ބުރަ މަސައްކަތަށް އެޅުނު ހުރަހެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. 

މިފަދަ ބަސްތައް މުޖުތަމަޢުގައި އާންމުވެގެންދިއުމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް، އަދި އެކަމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ވެސް އެ ކައުންސިލުން ފާހަގަކުރިއެވެ.

އަދި އެ ކައުންސިލުން ވަނީ މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށް އެ ކައުންސިލުން ކުރާ ބުރަ މަސައްކަތުގައި އެންމެހާ ފަރާތްތަކުން އަތުގުޅާލާ އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމުގައި ކުރާ މަސައްކަތްކަތުގައި، އެ ކައުންސިލް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން، އެންމެހާ ރައްޔިތުންނަށާއި، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެ ފަރާތްތަކުގެ ޢާއިލާ ތަކަށް އެ ކައުންސިލުން ވަނީ އަރުވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަކީ ޤާނޫނު ނަމްބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކައުންސިލެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެކެވެ. 

ނުކުޅަދެންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމާއި އަމިއްލަވަންތަކަމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ އެފަރާތްތަކަށް ލިބިގެންވާ ޙައްޤެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450