Ads by PNC

ޚަބަރު

އަލައިކާގެ އަމާޒު ހުރީ ހިތްފަސޭހަކަން ހޯދައިދީ، އަންހެނުން ބާރުވެރިކުރުވައި، އޯގާތެރި ނިޒާމެއް ޤާއިމްކުރުމަށް

އަލައިކާގެ އަމާޒު ހުރީ ހިތްފަސޭހަކަން ހޯދައިދީ، އަންހެނުން ބާރުވެރިކުރުވައި، އޯގާތެރި ނިޒާމެއް ޤާއިމްކުރުމަށް

އަލައިކާގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުން---

farudhun logo

ފަރުދުން

30 މާރިޗު 2026، 09:03

30 މާރިޗު 2026، 09:03

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސާގެ މަޤާމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ އަމާޒު ހުރީ ދިރިއުޅުމުގައި ހިތްފަސޭހަކަން ހޯދައިދީ، އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކޮށްދީ އަދި މުޖުތަމައުގައި އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޯގާތެރިކަމާއެކު އަޅާލާނެ ވަރުގަދަ ނިޒާމެއް ޤާއިމްކުރުމަށެވެ.

މިއީ "ބަދަހި އާއިލާ" ގެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑުވާހަކަ ތަކެވެ. މި މެނިފެސްޓޯ ލޯންޗުކޮށްފައި ވަނީ، 29 މާރޗް 2026 ގައި "ކީއްވެ އަލައިކާ؟" ގެ ނަމުގައި ސަލްޓަންޕާކް އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

މި އިވެންޓް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް އަލްފާޟިލް އާދަމް ޝަރީފްއެވެ. އަދި މި ރިސްމިއްޔާތުގައި މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަދި ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަލްފާޟިލް އިބްރާހިމް ޝުޖާއު އާއި ލޯކަލް ގަވަރނަންސް އޮތޯރިޓީގެ ސީއީއޯ އަލްފާޟިލް މުހައްމަދު ނިމާލް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި އިވެންޓުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެ ކެންޑިޑޭޓުންގެ ދާއިރާތަކުން އެންމެ ގިނައިން ފާހަގަކުރެވުނު މައްސަލަތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްދެއްވިއެވެ.

އަލައިކާގެ "ބަދަހި އާއިލާ" މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ސިޔާސަތުތަކުގެ ތަފްޞީލު އާންމުންނާ ޚިއްޞާކުރުމަށް ދެއްވި ޕްރެޒެންޓޭޝަންގައި އޭނާ ވަނީ ވަރަށް ތަފްސީލްކޮށް މި ސިޔާސަތުތައް ޚިއްޞާކޮށްދެއްވައި، މިކަމުން އާންމުންގެ، ޚާއްޞަކޮށް އަންހެނުންގެ ސީދާ ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލުތައް އޮޅުންފިލުވާ ދެއްވާފައެވެ. 

1 – "ދިރިއުޅޭނެ ފަހި ޖަގާ"

މި ބައި ޚާއްސަކޮށްފައިވަނީ މާލެ ސިޓީގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އާއިލާތަކަށް އަމާން އަދި ހިތްފަސޭހަ މާހައުލެއް ބިނާކުރުމުގެ މައްޗަށެވެ. މި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައިތައް:

  • މަގުމަތީގެ އަމާންކަން :ދުއްވާ އެއްޗިއްސަށްވުރެ ހިނގާބިނގާވެ އުޅޭ މީހުންނަށް އިސްކަންދޭ ގޮތަށް މަގުތަކުގެ ތަރުތީބު ބަދަލުކުރުން. މީގެ ބޭނުމަކީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބިރެއްނެތި މަގުމަތީގައި އުޅެވޭނެކަން ކަށަވަރުކުރުމެވެ.
  • ފެހި މައިޒާންތައް: ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް 10 މިނެޓުން ދެވޭހާ ގާތުގައި ޕާކުތަކާއި 'ކޮމިއުނިޓީ ގާޑަން' ތައް ގާއިމްކޮށް، މާލޭގެ ހޫނުމިން މަޑުކުރުން.
  • ބޯހިޔާވަހިކަމުގެ އިންސާފު: ނާޒުކު ހާލަތްތަކުގައި ތިބި އާއިލާތަކާއި ސިންގަލް ޕޭރަންޓުންނަށް ހާއްސަ އިސްކަމެއްދޭ ބޯހިޔާވަހިކަމުގެ އޮނިގަނޑެއް ތައާރަފްކުރުން.
  • ޖަމާއީ ޖާގަތައް: ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ހާއްސަ 'އިންޑޯ އިވެންޓް ހޯލް' ތަކާއި 'ޗައިލްޑް ކެއަރ' އޭރިއާތައް ހަދައި، އިޖުތިމާއީ ގުޅުން ބަދަހިކުރުން.


2 – "ފުދުންތެރިކަން އިތުރުކުރުން"

މި ބައިގެ މައިގަނޑު އަމާޒެއް ކަމަށް އަލައިކާ ވިދާޅުވީ، އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމާއި، ޒަމާނީ މަސައްކަތުގެ މާހައުލަކަށް މުޖުތަމައު އަހުލުވެރިކުރުވުމެވެ. 

  • އަންހެނުންގެ ކޯޕަރޭޓިވްތައް: ވަކިވަކިން މަސައްކަތްކުރުމުގެ ބަދަލުގައި، ހިއްސާ އެކުލެވޭ ކޯޕަރޭޓިވްތައް އުފައްދައި، ރާއްޖޭގެ ބޮޑެތި ރިސޯޓް މާކެޓްތަކަށް އުފެއްދުންތައް ސަޕްލައިކުރެވޭނެ މަގުފަހިކުރުން.
  • ޑިޖިޓަލް ލިޓްރަސީ އާއި ކޯ-ވޯކިންގ ސްޕޭސް: އިންޓަނެޓް މެދުވެރިކޮށް އާމްދަނީ ހޯދާނެ 'ޑިޖިޓަލް' ހުނަރުތައް ދަސްކޮށްދީ، ގޭގައި މަސައްކަތްކުރަން ދަތިވާ ފަރާތްތަކަށް އަވަށްތަކުގައި ކޯ-ވޯކިންގ ސްޕޭސްތައް ގާއިމްކުރުން.
  • 'ޕޭރަންޓް-ފްރެންޑްލީ' އޮފީސްތައް: ގާއިމްކުރެވޭ ކޯ-ވޯކިންގ ސްޕޭސްތަކުގައި ކުޑަކުދިން ބަލާނެ ރައްކާތެރި 'ޑޭކެއަރ ކޯނަރ' އެއް ހިމެނުން. މިއީ ދަރިން ބަލަން ގޭގައި ތިބެންޖެހޭ މައިންބަފައިންނަށް ލިބޭނެ ބޮޑު ލުޔެއް.
  • ޕްރައިވެޓް ސެކްޓަރ ޕާޓްނަރޝިޕް: އަމިއްލަ ކުންފުނިތަކާ ގުޅިގެން ކޯލް ސެންޓަރާއި ޑޭޓާ އެންޓްރީ ފަދަ މަސައްކަތްތައް ރަށްރަށުގައި ތިބެގެން ކުރެވޭނެ ގޮތަށް އައުޓްސޯސް ކުރުން.


3 – "އޯގާތެރިކަމާއެކު އަޅާލުން"

މި ބައިގެ މައިގަނޑު އަމާޒެއް ކަމުގައި ވިދާޅުވީ، މުޖުތަމައުގައި އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޯގާތެރިކަމާއެކު އަޅާލާނެ ވަރުގަދަ ނިޒާމެއް ގާއިމްކުރުމެވެ. 

  • އިތުބާރު ހުރި ދަރިން ބެލެހެއްޓުން: ވަޒީފާއަދާކުރާ މައިންބަފައިންނަށް ހިތްހަމަޖެހުމާއެކު ވަޒީފާގައި އުޅެވޭނެހެން، ކޮލިޓީ ހިފެހެއްޓިފައިވާ 'ޗައިލްޑްކެއާ' އަދި 'އާފްޓާސްކޫލް' ޕްރޮގްރާމްތައް އަތްފޯރާ ފަށުގައި ތައާރަފްކުރުން.
  • އިސްރަށްވެހިންގެ ކަރާމާތް: އުމުރުން ދުވަސްވީ މީހުން މުޖުތަމައުން ބާކީވިޔަ ނުދީ، އެބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އިޖުތިމާއީ ހަރަކާތްތައް ހިންގޭނެ 'އޯލްޑް އޭޖް ކެއަރ' މަރުކަޒުތައް ބިނާކުރުން.
  • ދެމެހެއްޓެނިވި އާންމު ސިއްޙަތު: އެނދުމަތިވެފައިވާ ބަލިމީހުންނަށް ގޭގެއަށް ޒިޔާރަތްކޮށް ފަރުވާދިނުމާއި، އާއިލާތަކުގެ ބުރަ ލުއިކޮށްދިނުމަށް 'ކެއަރ ސެންޓަރު' ތަކަށް ބަލިމީހުން ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ރައްކާތެރި ހިޔާވަހިކަން: ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ސިއްރުވެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ 'ޝެލްޓަރތައް' ހަދައި، އެމީހުން އަލުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ނަފްސާނީ އެހީ ފޯރުކޮށްދިނުން.


މި ޕްރެޒެންޓޭޝަނަށްފަހު އަލައިކާ ވަނީ އާންމުންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ.

"ބަދަހި އާއިލާ" މެނިފެސްޓޯގައި ހިމެނޭ ކަންކަމަކީ މާލޭގެ ރައްޔިތުންނާ ގާތުން ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ޕްރެކްޓިކަލީ ނަޒަރަކުން ހާސިލްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތުތަކެއް ކަމަށް އަލައިކާ ވިދާޅުވިއެވެ. އަދި ބަދަހި އާއިލާގެ ސިޔާސަތުތައް ހަޤީގަތަކަށް ހެދުމަށް ޕީއެންސީގެ އެންމެހައި ކެންޑިޑޭޓުންނާ ގުޅިގެން މަސައްކަތްކުރައްވާނެކަމަށް އަލައިކާ ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450