ޚަބަރު
ށ. މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފެށުން ފޮޓޯ: ޕީއެސްއެމް
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މި ސަރުކާރު އައިފަހުން އެކްސްރޭގެ ޚިދުމަތް ޤާއިމްކުރި 4 ވަނަ ރަށެވެ.
މިލަންދޫ ޞިއްޙީ މަރުކަޒުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ވަޒީރުލް ޞިއްޙަތު ޢަބްދުﷲ ނާޡިމް އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި މިލަންދޫ ކައުންސިލް އިދާރާގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރަށެއް ތަރައްޤީކުރުމުގައި ޞިއްޙީ ޚިދުމަތަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ޚިދުމަތެއް ކަމަށެވެ. އަދި މިލަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވަމުން، މިލަންދޫ ހޮސްޕިޓަލްގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިރަށުގައި އެކްސްރޭގެ ޚިދުމަތް ފެށިގެންދާއިރު ވަރަށް އަވަހަށް ޑައިލިސިސްގެ ޚިދުމަތްވެސް ފެށިގެންދާނެ. މިހާރު ކުރަންޖެހޭ ކަރުދާހުގެ މަސައްކަތްތައް ދަނީ ކުރަމުން،" ވަޒީރު ނާޡިމް ވިދާޅުވިއެވެ.
ޞިއްޙީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، މިލަންދޫގައި އެކްސްރޭގެ ޚިދުމަތް ދޭން ފެށުމަކީ އެރަށުގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ބޭސްފަރުވާއަށް މާލެއަށް ނުވަތަ އެހެން ބޮޑެތި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަށް މިކަމުގެ ސަބަބުން ލުޔެއް ލިބި، ރަށުގައި ތިބެގެން ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ މަގު މިވަނީ ފަހިވެފައެވެ.
މިލަންދޫގައި 24 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފެށުމާއެކު، ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް އަދި ބަނޑުގެ ބައެއް މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވި، އެކަށީގެންވާ ފަރުވާ އަވަހަށް ދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، އެކްސްރޭ ނެގުމަށް އެހެން ރަށްރަށަށް ދަތުރުކުރުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ލޮޖިސްޓިކްސް ބުރަތަކާއި ޚަރަދުތައްވެސް މި ޚިދުމަތާއެކު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން ބުނެއެވެ.