Ads by PNC

ޚަބަރު

އޮޅުވާލައިގެން ފައިސާ ނެގި މައްސަލާގައި ކިންގްސްޓަނަށް ދައުވާ ކުރަނީ

އޮޅުވާލައިގެން ފައިސާ ނެގި މައްސަލާގައި ކިންގްސްޓަނަށް ދައުވާ ކުރަނީ

ފުލުހުންގެ ހެޑްކުއަރޓާސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މާރިޗު 2026، 03:59

30 މާރިޗު 2026، 03:59

ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި ކިންގްސްޓަން ކުންފުނީގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސްއިން މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 2026 މާރިޗު 03 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެ ކުންފުނީގެ ވެރިޔާ ދ. ބަނޑިދޫ، ޕޯލާގްރޭސް، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށެވެ. މި މައްސަލައަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ކުންފުނިން ސައިކަލް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވިގެން 2024 އޯގަސްޓް 08 ގައި ހުށަހެޅުނު މައްސަލައެކެވެ.

ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވެއެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 (ހަތް މިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާއާއި، 8,398.18 (އަށްހާސް ތިން ސަތޭކަ ނުވަދިހަ އަށް ޑޮލަރު އަށާރަ ސެންޓް) ނަގާފައިވާކަން ތަޙުޤީޤަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މި މައްސަލަ 2024 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވުމާއެކު ފުލުހުން ވަނީ ސައިކަލު ނެގުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، ބައެއް ކަސްޓަމަރުން ފައިސާ ދެއްކިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް އެ ކުންފުނިން ސައިކަލު ޙަވާލުކޮށްފައެއް ނުވެއެވެ.

ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މި މައްސަލަ މިހާރު އޮތީ ޕީޖީ އޮފީހުގައި ދައުވާ ކުރުމުގެ މަރުހަލާގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450