Ads by PNC

ޚަބަރު

ސްކޭމްކޮށްގެން 38,000 އެއްހާ ރުފިޔާ ހޯދި ތިން މީހަކު ހައްޔަރުކޮށްފި

ސްކޭމްކޮށްގެން 38,000 އެއްހާ ރުފިޔާ ހޯދި ތިން މީހަކު ހައްޔަރުކޮށްފި

ޕޮލިސް ހެޑްކުއާޓާސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މާރިޗު 2026، 04:36

30 މާރިޗު 2026، 04:36

ސްކޭމްކޮށްގެން މަކަރާއި ހީލަތުން 38,000 އެއްހާ ރުފިޔާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބަލީގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ތަފާތު ތިން ރަށަކަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ.

ހައްޔަރުކުރި މީހުންގެ ތަފްސީލް
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ 37 އަހަރުގެ މީހަކާއި، ޏ. ފުވައްމުލަަކަށް ނިސްބަތްވާ 31 އަހަރުގެ މީހެއްގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 47 އަހަރުގެ މީހެކެވެ.

މީގެ ތެރެއިން ހޯނޑެއްދޫ މީހާ ހައްޔަރުކޮށްފައި ވަނީ މީސް މީޑިއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައިގެން 3,500 ރުފިޔާ ހޯދި މައްސަލައެއްގައެވެ. މާރިޗު 12 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ކޯޓުން ވަނީ އޭޕްރިލް 27 ގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުވައްމުލަކަށް ނިސްބަތްވާ 31 އަހަރުގެ މީހާ ހައްޔަރުކުރީވެސް މީސް މީޑިއާ ހެކްކޮށްގެން 4,500 ރުފިޔާ ހޯދި މައްސަލައެއްގައެވެ. މާރިޗު 27 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު، ކޯޓުން ވަނީ އޭޕްރިލް 12 އާ ހަމައަށް ބަންދުގެ މުއްދަތު ޖަހާފައެވެ.

އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވަނީ ހިތަދޫއަށް ނިސްބަތްވާ 47 އަހަރުގެ މީހާއެވެ. އޭނާ ހައްޔަރުކުރީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން 29,987 ރުފިޔާ ހޯދި މައްސަލައެއްގައެވެ. މާރިޗު 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭޕްރިލް 5 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ މި ތިން މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ. މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450