Ads by PNC

ޚަބަރު

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ "އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ "އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާޙްކޮށްފި

ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

30 މާރިޗު 2026، 04:52

ދިފާއީ ވުޒާރާގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އިންތިޒާމްކޮށް އިނގިރޭސިވިލާތުގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޯޓޭޝަން (ޔޫ.ކޭ-ޑީ.އެފް.ޓީ) ގެ އެހީތެރިކަމާއިއެކު ދެހަފްތާގެ މުއްދަތަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިޔަށް ގެންދިޔުމަށް ހަމޖެހިފައިވާ "އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާޙުކޮށްފިއެވެ.

ހުލުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި "އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރވީކް" އިފްތިތާޙްކޮށްދެއްވީ ދިފާއީ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރ ފާތިމަތު މިޒްނާ އަލީއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މި ޕްރޮގްރާމަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ މައި ޖަމިއްޔާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން 2030 ވަނަ އަހަރަށް ޙާސިލްކުރުމަށް އެކަށައަޅާފައިވާ ގްލޯބަލް އޭވިއޭޝަން ސެކިއުރިޓީ ޕްލޭން (ގަސެޕް) ގައި އިސްކަންދީފައިވާ ކަންކަމުގެ ތެރޭގައި ހިމެނިފައިވާ އެންމެ މުހިއްމު އެއް ލަނޑުދަނޑިކަން ފާހަގަކޮށްލެވެއެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ވައިގެ ސަލާމަތީ ޚިދުމަތް ދިނުމުގައި ޝާމިލްވާ އިދާރާތަކުން ކުރަމުންގެންދާ ނާޒުކު މަސައްކަތަށް މި ސިނާއަތުގައި ހަރަކާތްތެރިވާ އިދާރާތަކުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން އަހުލުވެރިކޮށް މި ސިނާއަތުގެ ސަލާމަތްތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އެ މުވައްޒަފުންގެ ޝާމިލްވުން އިތުރުކުރުމަށްޓަކައި ބޭނުންވާ ފަންނީ މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ އެއަރޕޯޓްތަކުން ޚިދުމަތް ލިބިގަންނަ ޤައުމީ އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާއި ފަސިންޖަރުންގެ ސަލާމަތްތެރިކަމަށް އިތުރު ފުރިހަމަކަމެއް ލިބި، ވައިގެ ޚިދުމަތް ފޯރުކޮށްދޭ ސަލާމަތީ އިދާރާތަކާ މެދު ޚިދުމަތް ހޯދާ ފަރާތްތަކުންކުރާ އިތުބާރު އިތުރުވެގެންދާނެއެވެ.

ކުރިޔަށް އޮތް ދެ ހަފްތާގައި މިކަމާއި ގުޅުންހުރި ޚާއްޞަ ތަމްރީން ޕްރޮގްރާމްތަކެއް މި ސިނާއަތުގައި ހަރަކަތްތެރިވާ އިދާރާތުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަށް އަމާޒްކޮށް ކުރިޔަށް ގެންދިޔުމަށް ތާވަލް ކުރެވިފައިވެއެވެ. ހަމަ އެހެންމެ، ދެމެހެއްޓެނިވި ގޮތުގައި މި ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމުގެ މަޤްސަދުގައި " އޭވިއޭޝަން ސެކިއުރިޓީ ކަލްޗަރ" ޓްރެއިން ދަރ ޓްރެއިނަރ ޕްރޮގްރާމެއްވެސް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމްގެ ޒަރީއާއިން ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިތުރުން ޢާންމު ދަތުރުވެރިން މިކަމަށް އަހުލުވެރިކުރުމަށްޓަކައި ތަފާތު ކަންކަން އިންތިޒާމްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވިއެވެ.

މިގޮތުން، ރާއްޖޭގެ އެއަރޕޯޓްތަކުގެ ގިމަތަ ތަކުގައި ފަސިންޖަރުންނަށް ބޭނުންވާނެ މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދެވޭގޮތަށް ތައްޔާރުކޮށްފައިވާ ބެނަރ، ޕޯސްޓަރ ހަރުކުރުމާއިއެކު ލީފްލެޓްގެ ޒަރީއާއިން މައުލޫމާތު ހިއްސާ ކުރެވިގެންދާނެއެވެ. މި ގޮތުން ހިއްސާ ކުރެވޭ ޢާންމު މަޢުލޫމާތުގެ ތެރޭގައި އެއަރޕޯޓްތަކުގެ ޢާންމު މާހައުލުން ފެންނަ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަމަކީ ކޮބައިކަމާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެ ކަމެއް ކަމާއިގުޅުންހުރި ފަރާތްތަކަށް ވަގުތުން އެންގުމަށްޓަކައި ޢަމަލުކުރާނެ ގޮތްތައް އިންތިޒާމް ކުރެވިފައިވާ ގޮތް ހިއްސާކުރެވިގެންދާނެއެވެ.

މި ތަމްރީން ޕްރޮގްރާމުގައި، ވައިގެ ދަތުރުފަތުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އެއަރޕޯޓް އަދި އެއަރލައިންތައް ހިންގަވާ ފަރާތްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450