Ads by PNC

ޚަބަރު

ހައި އެޗީވަރސް ސްކޮލަރޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު 6000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމައިފި

ހައި އެޗީވަރސް ސްކޮލަރޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު 6000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމައިފި

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ 2024 ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 މާރިޗު 2026، 05:59

30 މާރިޗު 2026، 05:59

ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް، މިހާރު ދެމުންދާ ސްޓައިޕެންޑުގެ އިތުރަށް މަހަކު 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން "ހައި އެޗީވަރސް ސްކޮލަރޝިޕް" އަދި "ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް" ދިނުމުގެ އުސޫލަށް ގެނައި އިޞްލާޙުތަކާ ގުޅޭގޮތުންނެވެ. މި ބަދަލާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރަޙީމް ވިދާޅުވީ، އިތުރު އެލަވަންސެއް ދޭން ނިންމީ މަތީ ނަތީޖާ ހޯދާ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

އައު އުސޫލުގައިވާ ގޮތުން، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭނީ އޭލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނެއްގައި، އެސްއެސްސީގެ ދިވެހި އަދި އިސްލާމް ހިމެނޭހެން ޖުމްލަ 5 މާއްދާގެ ތެރެއިން އެއް މާއްދާއިން 'އޭ ސްޓަރ' އަދި ބާކީ 4 މާއްދާއިން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށެވެ. މީގެ އިތުރުން އިނގިރޭސި މާއްދާއިން އޯލެވެލް ފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 'ސީ' ފާހެއް އޮންނަންވާނެއެވެ. ޝަހާދާ ސާނަވިއްޔާ ނިންމާ ދަރިވަރުންނަށްވެސް މިފަދަ މިންގަނޑަކުން ސްކޮލަރޝިޕް ކަނޑައަޅާފައިވެއެވެ.

މީގެ ކުރިން މި ސްކޮލަރޝިޕް ލިބެނީ ދިވެހި، އިސްލާމް ހިމެނޭހެން 5 މާއްދާއިން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސްކޮލަރޝިޕާ ގުޅޭގޮތުން އުސޫލުގައި ބަޔާންކޮށްފައިވަނީ، ދަރިވަރުން ކިޔަވަންވާނީ ރާއްޖޭގެ 'ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް' ލިސްޓުގައި ހިމެނޭ ދާއިރާތަކުން ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެކުދިން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ އިސްތިސްނާ ފުރުޞަތެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔަވާ ދަރިވަރުން ކިޔެވުން ނިންމުމަށްފަހު 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަންޖެހެއެވެ. އަދި ޚިދުމަތް ނުކުރާ ފަރާތްތަކުން، ސްކޮލަރޝިޕަށް ސަރުކާރުން ކުރި ޚަރަދު އަނބުރާ ދައްކަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450