ދުނިޔެ

ސޫރިޔާ އާރާސްތުކުރުމާއި ރެފިއުޖީންގެ މައްސަލައިގައި މަޝްވަރާކުރެއްވުމަށް އަލް-ޝަރާ ޖަރުމަނަށް ވަޑައިގެންފި

ސޫރިޔާ އާރާސްތުކުރުމާއި ރެފިއުޖީންގެ މައްސަލައިގައި މަޝްވަރާކުރެއްވުމަށް އަލް-ޝަރާ ޖަރުމަނަށް ވަޑައިގެންފި

ސޫރިޔާގެ ރައީސް އަލް ޝަރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މާރިޗު 2026، 08:03

30 މާރިޗު 2026، 08:03

ސޫރިޔާގެ ވަގުތީ ރައީސް އަޙްމަދު އަލް-ޝަރާ، ޖަރުމަނުވިލާތުގެ ބާލިންއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައިފިއެވެ.

މި ދަތުރުފުޅުގައި ސޫރިޔާ އަލުން އާރާސްތުކުރުމާއި، ޖަރުމަނުގައި ތިބި ސޫރިޔާގެ ރެފިއުޖީން އެނބުރި ޤައުމަށް ދިއުމާ ގުޅޭގޮތުން ޗާންސެލަރ ފްރީޑްރިކް މާރްޒްއާ އެކު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު ސްޓެފަން ކޮރްނީލިއަސް ވިދާޅުވީ، ސޫރިޔާއަކީ ހަމަޖެހޭ އަދި ތަނަވަސް ޤައުމެއްގެ ގޮތުގައި ފެނުމަކީ ޖަރުމަނުގެ މަސްލަހަތު އޮތް ކަމެއް ކަމަށެވެ. އަދި ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނަށާއި ޔޫރަޕަށް ހިޖުރަކުރި ގިނަ އަދަދެއްގެ ސޫރިޔާ ރައްޔިތުންގެ އެހީތެރިކަމާއެކު އެ ޤައުމު އަލުން ބިނާކުރުމަށް ބޭނުންވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބާލިންގައި ބޭއްވި ފޮރިން އޮފީސް ފޯރަމެއްގައި ވާހަކަދައްކަވަމުން އަލް-ޝަރާ ވިދާޅުވީ، ސޫރިޔާއިން ބޭނުންވަނީ ދަތި އުނދަގޫ ދުވަސްތައް ފަހަނައަޅައި ގޮސް ދުނިޔޭގެ އެހެން ޤައުމުތަކާ އެއްހަމައެއްގައި ކުރިއަށްދިއުމަށެވެ. ސޫރިޔާގެ ހަކަތަ، ދަތުރުފަތުރު އަދި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަށް އޭނާ އަލިއަޅުއްވާލެއްވިއެވެ. ޖަރުމަނުގެ ފޮރިން މިނިސްޓަރ ޔޯހަން ވަޑެފުލް ވިދާޅުވީ ޖަރުމަނު އޮތީ ސޫރިޔާއާއެކު ކަމަށާއި، އާރާސްތުކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަލް-ޝަރާ އިތުރަށް ވިދާޅުވީ ޖަރުމަނުގެ ޔުނިވަރސިޓީތަކުން ކިޔަވައި، ޖަރުމަނުގެ ކުންފުނިތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ސޫރިޔާގެ ރައްޔިތުން އެނބުރި ޤައުމަށް އައިސް، އެ ތަޖުރިބާގެ ބޭނުން ހިފައިގެން ޤައުމު ބިނާކުރުމުގައި ބައިވެރިވުމަކީ އުންމީދެއް ކަމަށެވެ. މި ދަތުރުފުޅަކީ މިދިޔަ ޖެނުއަރީ މަހު ކުރަން އޮތް ދަތުރެއް ނަމަވެސް، ސޫރިޔާގެ އުތުރުގައި ހިނގަމުންދިޔަ ކުރިމަތިލުންތައް ހުއްޓުވުމަށް ކުރި މަސައްކަތްތަކާ ހުރެ ދަތުރު ވަނީ ލަސްވެފައެވެ.

ސޫރިޔާގެ ރެފިއުޖީން އަނބުރާ ފޮނުވާލުމުގެ ރޭވުމާ ދެކޮޅަށް ބާލިންގައި މިއަދު ވަނީ މުޒާހަރާކޮށްފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ގާތްގަނޑަކަށް އެއް މިލިއަން ސޫރިޔާ ރައްޔިތުން ޖަރުމަނަށް ހިޖުރަކޮށްފައިވެއެވެ. ޗާންސެލަރ މާރްޒް ވިދާޅުވެފައިވަނީ ސޫރިޔާގެ ހަނގުރާމަ ނިމިފައިވާތީ، މިހާރު އެމީހުންނަށް ޖަރުމަނުން ހިމާޔަތް ހޯދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޖަރުމަނު ސަރުކާރުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ސޫރިޔާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، މިހާތަނަށް ފޮނުވާލެވިފައިވަނީ މަދު ބައެކެވެ. ރެފިއުޖީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަމުންދަނީ ސޫރިޔާގައި އަދިވެސް އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ނުތަނަވަސްކަން އެބައޮތް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450