ޚަބަރު
ސައުދީގެ ޤައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި
ފަސިންޖަރުންނަށް ހަދިޔާދިނުން/ފޮޓޯ: އެމްއޭސީއެލް
ސައުދީ ޢަރަބިއްޔާގެ ޤައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން އެމްއޭސީއެލުން ފާހަގަކޮށްފިއެވެ.
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ގައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވީ، އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސައުދިއާގެ ފްލައިޓް، SV838 ގެ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔައިފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެ އެއާލައިނުން އިއްޔެ ފުރި ފަސިންޖަރުންނަށް ހަދިޔާ ދީފައިވާކަން އެމްއޭސީއެލުން ފާހަގަކުރެއްވިއެވެ.

ސައުދިއާ އިން ރާއްޖެއަށް ފާއިތުވި 10 އަހަރު ދަތުރުކޮށްފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަނީ ހަރުދަނާވެފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 3546 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އެ މުއްދަތުގައި ރާއްޖެއައި ފަތުރުވެރިންގެ %0.8 ކަން ފާހަގަކޮށްލެވެއެވެ.