ޚަބަރު
ކެނަބިސް ޓްރެފިކް ކުރި ދިވެއްސަކު 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށާއި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
މި މައްސަލައިގައި ހުކުމްކުރި މީހާ/ފޮޓޯ: ފުލުހުން
ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި ދިވެއްސެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށާއި، 100،000 (އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، 2026 މާރިޗު 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ކުމްކޮށްފައި ވަނީ ދަފްތަރު ނަންބަރު ދރ 2069 / މާލެ، ޙަމްދޫން އަޙްމަދު (31އ) ގެ މައްޗަށް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލާގައި 2024 ފެބުރުވަރީ 7 ވަނަ ދުވަހުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މި މައްސަލައިގެ ތަޙުޤީގު ފުރިހަމަ ކުރުމަށްފަހު ޙަމްދޫން އަޙްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި 2024 އޭޕްރީލް 17 ވަނަ ދުވަހު އެދިފައިވާއިރު، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްޞަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.