Ads by PNC

ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަސްމަންޒަރު ދައްކުވައިދެނީ އެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން: އޭސީޕީ ޝިފާން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަސްމަންޒަރު ދައްކުވައިދެނީ އެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން: އޭސީޕީ ޝިފާން

އޭސީޕީ ޝިފާން/ފޮޓޯ: ޕީއެސްއެމް

31 މާރިޗު 2026، 12:17

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަސްމަންޒަރު ދައްކުވައިދެނީ ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން މިފަދައިން ވިދާޅުވީ، ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާއިން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކުރިއެރުންތަކާއި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އިސްތިރާޖީ މިސްރާބު ބައްޓަންކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން އޭސީޕީ މަޢުލޫމާތު ދެއްވިއެވެ. އެގޮތުން، މަދަނީ ޚިދުމަތެއްގެ ގޮތުގައި ވަކި މުއަައްސަސާއަކަށް ފުލުހުންގެ ޚިދުމަތް ބަދަލުވުމާ ގުޅިގެން 2004 އިން 2007 ވަނަ އަހަރާ ދެމެދު، ފުލުހުންގެ ޚިދުމަތެއްގައި ހުންނަންވާނޭ ހުރިހާ ބަހާތަކެއް ހަމަކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަމަށް އޭސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންގެ ހިޚިދުމަތަކީ ޒަމާނީ، ޕްރޮފެޝަނަލް އަދި ރައްޔިތުންނާ ގާތުން ދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިފައިވާކަމީ، މި ޚިދުމަތުން ހާސިލުކުރެވިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް އަދި ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. 

މިއީ ކުށްތަކުން ރައްކާތެރިކުރުމަށް ނުވަތަ ޕްރިވެންޓިވް ޕޮލިސިންގގެ ތެރެއިން ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް.

އޭސީޕީ ޝިފާން ވިދާޅުވިއެވެ.

އޭސީޕީ ޝިފާން އިތުރަށް ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ އަމިއްލަ ޓެކްނޮލިޖިކަލް އިންފްރާސްޓްރަކްޗަރ ސިސްޓަމެއް ޤާއިމުކޮށް، އެ ވަޞީލަތުގެ ތެރެއިން މުޖުތަމަޢަށް ޚިދުމަތް ދެމުން ގެންދާ މުއައްސަސާއެއްކަމަށާއި، ރައްޔިތުންނަށް ބޭނުންވާނޭ އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުއައްސަސާތެރޭގައި ބޭނުންކުރެވޭ އުމްރާނީ ވަޞީލަތްތަކަކީ އެންމެ އެކަށީގެންވާ، އަދާހަމަކޮށްފައިވާ ވަޞީލަތްތަކަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އެ މުއައްސަސާއިން ކުރަމުންދާކަމަށެވެ.

އެގޮތުން، އަމިއްލަ ރޭޑިއޯ ސިސްޓަމް، އިންފޮމޭޝަން ކޮމިއުނިކޭޝަން ސިސްޓަމް، ކޭސް މޮޑިއުލްގެ އިތުރުން އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މުޢާމަލާތްތައް ކުރުމަށް ސިސްޓަމްތައް ޤާއިމުކުރެވި، އެ ސިސްޓަމްތަކުގެ ބޭނުންކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމަކާއި އަވަސްކަމެއް ލިބިދީފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ތަޢާރަފުކޮށްފައިވާ ޕޮލިސް އެޕް މެދުވެރިކޮށް ފުލުހުންގެ ޚިދުމަތް ހޯދުމަށް ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

މި މުއައްސަސާގެ ފޯކަސް ހުރީ ދިވެހި ފުލުހުންގެ ޚިދުމަތަކީ ދުނިޔޭގެ އެހެން ބޮޑެތި ފުލުހުންގެ މުއައްސަސާތައް އޮންނަ ބީދައިން ވަކި މޮޑެލްއެއް އޮވެގެން، އެ މޮޑެލްގެ ތެރެއިން ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ޔަޤީންކަމާއި އިތުބާރާއެކު އަވަސް ޚިދުމަތެއް ދެވޭނޭ ގޮތްތަކެއް ފަހިކުރުން. އަދި އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން.

އޭސީޕީ އިތުރަށް ވިދާޅުވިއެވެ.

މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާތްގަނޑަކަށް 75 އިންސައްތަ މީހުންނަކީ ޒުވާނުންކަން ފާހަގަކުރައްވާ އޭސީޕީ ވިދާޅުވީ، މި ޚިދުމަތަކީ ޒުވާނުންގެ ވިސްނުމާއި ތަސައްވަރުގެ މައްޗަށް ބިނާވެ، ޒުވާނުންނަށް ފަހި މުއައްސަސާ އެއްކަން ފެނިގެން ދާކަމަށެވެ. އަދި ކުރިމަގުގެ ތަސައްވަރު ބައްޓަންކުރުމުގައި ވެސް ޒުވާނުންގެ ދައުރު ބޮޑު މުއައްސަސާއެއްގެ ގޮތުގައި ސިފަ ކުރައްވަމުން ވިދާޅުވީ، ޒުވާނުން މި ޚިދުމަތުގެ ތެރެއަށް އައިސް، މި ނިޒާމަކީ ޒުވާން، ހުނަރުވެރި، ޖޯޝު ހުރި ޚިދުމަތެއްގެ ގޮތުގައި ތަރައްޤީކުރެވޭނީ މި ޚިދުމަތުގެ އެކިއެކި ދާއިރާތަކަށް ޒުވާނުން ކުރިމަތިލައިގެންކަމަށެވެ.

އަދި ޒަމާނީގޮތުން ވިސްނުންހުރި ކޮންމެ ޒުވާނަަކަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ވަރަށް ފަހި ފުރުޞަތުތަކެއް ހުރިކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450