ޚަބަރު
ތެރަޕީގެ ފަރުވާތަކަށް ދިވެހިން ތަމްރީންކުރުމުގެ 250 ސްކޮލަރޝިޕަށް ހުޅުވާލައިފި
ފިޒިޔޮތެރަޕީގެ ސެޝަނެއްކުރިއަށްދަނީ. ފޮޓޯ: އެމްއެންޔޫ
ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާތަކުގެ ދާއިރާއިން ދިވެހިން ތަމްރީންކުރުމަށްޓަކައި، ސަރުކާރުން ދޭ 250 ސްކޮލަރޝިޕް ފުރުޞަތަކަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުޞަތުތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.
ސްކޮލަރޝިޕްތަކުގެ ތަފްސީލް
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ކިޔެވުމަށް 140 ފުރުޞަތު ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ބެޗެލަރސް ޑިގްރީއަށް 120 ފުރުޞަތު އަދި މާސްޓަރސް ޑިގްރީއަށް 20 ފުރުޞަތު ހިމެނެއެވެ. ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލާފައިވަނީ ޖުމްލަ 110 ފުރުޞަތެވެ. އެއީ ބެޗެލަރސް ޑިގްރީއަށް 30 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ހުޅުވާލާފައިވާ 80 ފުރުޞަތެވެ.
މި ފުރުޞަތުތަކުގެ ތެރެއިން އެންމެ ގިނަ ފުރުޞަތު ކަނޑައަޅާފައިވަނީ ސްޕީޗް ތެރަޕީގެ ދާއިރާއިންނެވެ. އެ ދާއިރާއިން ޖުމްލަ 90 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ސައިކޮލޮޖީ، ކައުންސިލިން، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރ އެނަލިސިސް ފަދަ މުހިންމު ދާއިރާތަކުން މީހުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދާއިރާތަކާއި ފުރުޞަތުތައް ބެހިފައިވާ ގޮތް
ރާއްޖޭގައި ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް ސައިކޮލޮޖީ، ކައުންސިލިން، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ، މިއިން ކޮންމެ ދާއިރާއަކުން 30 ފުރުޞަތު ވަނީ ހަމަޖައްސާފައެވެ. ރާއްޖެއިން ބޭރުގައި މާސްޓަރސް ހެދުމަށް އޮކިއުޕޭޝަނަލް ތެރަޕީން 30، ސްޕީޗް ތެރަޕީން 30 އަދި ބިހޭވިއަރ ތެރަޕީން 20 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ތެރަޕީގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމެވެ. މިވަގުތު ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކުގައި މި ޚިދުމަތް ދެނީ ބޭރުގެ ތެރަޕިސްޓުން ކަމަށްވާތީ، ދިވެހިން މި ދާއިރާއަށް ތަމްރީންކޮށްގެން ބަލިމީހުންނާ ގާތުން ޚިދުމަތް ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 3 އަހަރު ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރިލް މަހުގެ 20ވަނަ ދުވަހުގެ 13:30 އެވެ. ޝަރުތުތަކާއި އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.