ދުނިޔެ
ޔޫއޭއީގެ ބަނދަރެއްގައި އޮތް ކުވައިތުގެ ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާއެއްދީ އަލިފާން ރޯކޮށްލައިފި
އަލިފާންރޯވި ތެޔޮ ބޯޓު
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ ބަނދަރުގައި އަޅާފައި އޮތް ކުވައިތުގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ކަމަށް ބެލެވޭ ޑްރޯން ހަމަލާއެއްގައި އަލިފާން ރޯވެއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މި ހަމަލާގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ.
ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭޕީސީ) އިން ބުނި ގޮތުގައި، 'އަލް ސަލްމީ' ނަމަކަށް ކިޔާ މި ޓޭންކަރަށް ހަމަލާދީފައިވަނީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ހަމަލާގެ ސަބަބުން އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ކަނޑަށް ތެޔޮ ބޭރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ކުވައިތުގެ ރަސްމީ ނިއުސް އެޖެންސީ ކޫނާ އިން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ދުބާއީ މީޑިއާ އޮފީހުން ބުނެފައިވަނީ އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި، ތެޔޮ ބޭރުވުމުގެ ހާދިސާއެއް މިހާތަނަށް ހިނގާފައި ނުވާ ކަމަށެވެ.
ދުބާއީގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ޒައިން ބަސްރާވީ ބުނި ގޮތުގައި، ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖެހީއްސުރެ އަންގާރަ ދުވަހުގެ ދަމުން 2 ޖަހަންދެން ބާރުގަދަ ގޮވުންތަކުގެ އަޑު ދުބާއީއަށް އިވެމުންދިޔައެވެ. "މި ހަމަލާތައް މިދަނީ ގާތްވަމުން، އަދި އަޑުތައް ދަނީ ގަދަވަމުން. އޭގެ ތެރެއިން އެއް ހަމަލާ މިވަނީ ދުބާއީގެ އައްސޭރިފަށުގައި އޮތް ތެޔޮ ޓޭންކަރަށް އަރާފައި،" އޭނާ ބުންޏެވެ. އަދި މިހާރު ޔޫއޭއީގެ ވައިގެ ސަރަހައްދުގައި އަސްކަރީ މަތިންދާބޯޓުތަކުން ފޯރިމަރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ލޮއިޑްސް ލިސްޓް އިންޓެލިޖެންސްގެ މައުލޫމާތުތަކަށް ބަލާއިރު، މި ޓޭންކަރުގައި ކުވައިތާއި ސައުދީ އަރަބިއްޔާއިން ބޭރުކުރާ ދެ މިލިއަން ފީފާގެ ތެޔޮ ހުއްޓެވެ. މި އުޅަނދު ދަތުރުކުރަމުން ދިޔައީ ޗައިނާގެ ކިންގްޑާއޯ އަށެވެ. މިއީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، ގަލްފް ސަރަހައްދުގެ ކަނޑުދަތުރުފަތުރަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާ، ގަތަރު އަދި ބަހްރޭނަށްވެސް ރޭގަނޑުގެ ވަގުތުގައި ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސައުދީ އަރަބިއްޔާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ 10 ޑްރޯންއާއި 8 ބެލިސްޓިކް މިސައިލް ވައްޓާލާފައެވެ. ދުބާއީގެ އަލް ބަދާ ސަރަހައްދަށް ދިން ހަމަލާތަކުގައި ހަތަރު މީހަކަށް ކުދި އަނިޔާ ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.