ކުޅިވަރު / ޚަބަރު

އދ. ދިއްދޫގައި މި ސަރުކާރުން ތަރައްޤީކުރަން ފެށި ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިންމާލައިފި

އދ. ދިއްދޫގައި މި ސަރުކާރުން ތަރައްޤީކުރަން ފެށި ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިންމާލައިފި

ދިއްދޫ ފުޓްސަލް ދަނޑު/ފޮޓޯ: އެމްޓީސީސީ

31 މާރިޗު 2026، 12:34

އދ. ދިއްދޫގައި މި ސަރުކާރުން ތަރައްޤީކުރަން ފެށި ފުޓްސަލް ދަނޑުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އދ. ދިއްދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ވަނީ، މި މަޝްރޫޢުގެ ދަށުން، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކާއި، ވަށާފާރު ރޭނުމާއި، ކަރަންޓު މަސައްކަތްކޮށްފައެވެ. އެމްޓީސީސީއަށް މި މަސްރޫޢުގެ މަސައްކަތް 1.74 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު، މި ފުޓްސަލް ދަނޑު ތަރައްޤީކޮށްފައި ވަނީ ރޭގަނޑު ވެސް ބޭނުންކުރެވޭގޮތަށް ލައިޓް ހަރުކޮށް އެންމެ ޒަމާނީ ފެންވަރަށެވެ.

ދިއްދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ހުސް ގަޑީގައި ދުޅަހެޔޮ ޞައްޙަތެއްގައި ތިބުމަށްޓަކައި ފުޓްސަލްގެ އިތުރުން އެހެން ކުޅިވަރުތައް ކުޅެވޭނެ މަގުފަހިވެގެންދާއިރު، ކުޅިވަރުގެ ދާއިރާއަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއްކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ތަރައްޤީ ގެނެސްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ރާވާފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފުޓްސަލް ދަނޑުތައް ތަރައްޤީކުރުމާއި، މިހާރު އަޅާފައިވާ ދަނޑުތައް މަރާމާތުކުރުމުގެ މަސައްކަތް  ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450