Ads by Exprox

ޚަބަރު

ވަޒީފާއާބެހޭ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

ވަޒީފާއާބެހޭ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2024، 10:50

02 ސެޕްޓެމްބަރު 2024، 10:50

މަސައްކަތްތެރިންގެ ގޮތުގައި ބިދޭސީން ގެނެވޭ އަދަދު ކަނޑައެޅުމުގެ ބާރު އެއިރެއްގައި ސަރުކާރުން އެ ޒިންމާއެއް ހަވާލުކޮށްފައިވާ ވުޒާރާއަކަށް ލިބޭގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 2008/2 އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިއްޔެ ތަސްދީޤު ކުރެއްވިއިރު، މި ބިލަކީ، 2024 އޯގަސްޓު 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި، ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ ކަމަށާއި އެ ފަރާތްތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލުގައި ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ ޢަދަދާއި ދާއިރާތައްވެސް ކަނޑައަޅުއްވާފައިވެއެވެ.

މީގެ އިތުރުން މި ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކުރައްވައި ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން އެ ބިދޭސީއަކު މަސައްކަތްކުރާނެ ވަރކްސައިޓް ރަޖިސްޓަރީކުރުމާއި، ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވަރކް ޕަރމިޓް ހެއްދުން ހިމެނެއެވެ. މީގެ އިތުރުންވެސް ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅުއްވާނެ ފިޔަވަޅުތައްވެސް ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.

 މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco