ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދު އަރަބި ގައުމުތަކުން ހޯދުމަށް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރައްވައިފި

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ޚަރަދު އަރަބި ގައުމުތަކުން ހޯދުމަށް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރައްވައިފި

ޑޮނަލްޑް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 މާރިޗު 2026، 12:46

31 މާރިޗު 2026، 12:46

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހިނގާ ބިލިއަނުން ގުނާލެވޭ ޑޮލަރުގެ ޚަރަދުތައް ހަމަޖެއްސުމަށް އަރަބި ގައުމުތަކުގެ ކިބައިން އެދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޝައުގުވެރިކަން ހުރި ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

މި ހަނގުރާމައިގެ ޚަރަދު ދިހަވަރަކަށް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލީން ލީވިޓް ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، 1990 ވަނަ އަހަރުގެ ގަލްފް ހަނގުރާމައިގައި އެމެރިކާގެ ބައިވެރިން އެހީތެރިވި ފަދައިން، މިފަހަރުވެސް އަރަބި ގައުމުތަކުން ހަނގުރާމައަށް ޚަރަދު ކުރުމަކީ ރައީސް ޓްރަމްޕް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެއް ކަމަށެވެ. "އަޅުގަނޑު ރައީސްގެ ކުރިއަށް އަރާކަށް ނެތިން، އެކަމަކު މިއީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ހުރި ކަމެއްކަން ޔަގީން، އަދި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި އިވިގެންދާނެ،" ލީވިޓް ވިދާޅުވިއެވެ.

ގަލްފް ހަނގުރާމައިގެ ދުވަސްވަރު ކުވެއިތާއި އަވަށްޓެރި އަރަބި ގައުމުތަކުގެ އެދުމުގެ މަތިން އެމެރިކާއިން އިސްވެ އުފެއްދި އިއްތިހާދަށް އެހީވުމުގެ ގޮތުން، ޖަރުމަނާއި ޖަޕާން ހިމެނޭހެން ސަރަހައްދީ ގައުމުތަކުން 54 ބިލިއަން ޑޮލަރު (މިހާރުގެ ނިސްބަތުން 134 ބިލިއަން ޑޮލަރު) ހޯދައިދިނެވެ. ނަމަވެސް މިފަހަރުގެ އީރާން ހަނގުރާމައަކީ އެމެރިކާއާއި އިސްރާއީލުން އެހެން ގައުމުތަކުގެ ބައިވެރިވުމެއް ނެތި އަމިއްލައަށް ފެށި ހަނގުރާމައެކެވެ.

ހަނގުރާމައިގެ ޚަރަދުތަކާ ގުޅޭގޮތުން އެމެރިކާގެ ކޮންގްރެސްއަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހު އެކަނިވެސް 11.3 ބިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ. ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްއިން އަންދާޒާ ކުރާ ގޮތުގައި ހަނގުރާމައަށް 31 ދުވަސް ވެފައިވާއިރު، މި ޚަރަދު މިހާރު ހުންނާނީ މިއަށްވުރެ މާ މަތީގައެވެ. ވައިޓް ހައުސްއިން މިހާރު ދަނީ ހަނގުރާމައިގެ ޚަރަދުތަކަށް އިތުރު 200 ބިލިއަން ޑޮލަރު ހޯދުމަށް ކޮންގްރެސްގައި އެދެމުންނެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ ހަނގުރާމަ ފެށުމުގެ ކުރިއަށްވުރެ އެއް ޑޮލަރަށްވުރެ ބޮޑަށް އުފުލިފައެވެ. ނަމަވެސް ލީވިޓް ވިދާޅުވީ މިއީ ކުރު މުއްދަތެއްގެ ތަކުލީފެއް ކަމަށާއި، އީރާން ބަލިކުރުމުން ދިގު މުއްދަތުގައި އޭގެ ފައިދާ ކުރާނެ ކަމަށެވެ.

އަނެއްކޮޅުން، އީރާނުންވެސް ވަނީ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެމެރިކާއިން ދިނުމަށް ޝަރުތުކޮށްފައެވެ. އީރާނުން ދަނީ އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މީގެ ތެރޭގައި ގަލްފް ގައުމުތަކުގެ އެއާޕޯޓްތަކާއި ހޮޓާތައް ފަދަ މަދަނީ ތަންތަން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450