ޚަބަރު
ށ. ފުނަދޫއިން މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ށ. ފުނަދޫއިން މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ.ފުނަދޫ / ތަނޑިނޫމާގެ، މޫސާ ސިރާޖް (40އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މިލަންދޫ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، މިލަންދޫ ބަނދަރުގައި އޮތް ލޯންޗަކުން މޫސާ ސިރާޖު ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.